Wathan Edhey Gothah – MDP » އެމްޑީޕީގެ ފަލްސަފާއަށް އަމަލުކޮށް މިސާލު ދައްކާ ބަޔަކާއި ނޫނީ އެމްޑީޕީން އެކުވެ ބައިވެރިވެ ގުޅިގެން ނޫޅޭނެކަމަށް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ވިދާޅުވެއްޖެ

September 9, 2008

އެމްޑީޕީގެ ފަލްސަފާއަށް އަމަލުކޮށް މިސާލު ދައްކާ ބަޔަކާއި ނޫނީ އެމްޑީޕީން އެކުވެ ބައިވެރިވެ ގުޅިގެން ނޫޅޭނެކަމަށް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ވިދާޅުވެއްޖެ

އެމްޑީޕީއާއި ގުޅެވޭނީ ނުވަތަ އެކުއެޅެވޭނީ އަދި ބައިވެރިވެވޭނީ އެޕާޓީގެ ފަލްސަފާ ގަބޫލުކޮށް އެއަށް އަމަލުކޮށް އެގޮތަށް މިސާލު ދައްކާ ބަޔަކަށް އެކަނިކަމުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ވިދާޅުވެއްޖެއެވެ.

ރިޔާސީ ކެންޑިޑޭޓް ނަޝީދު މިހެން ވިދާޅުވީ “ހެޔޮވެރިކަމެއް ހިންގާނެ ގޮތްތައް” ހާމަކުރުމަށް އެމްޑީޕީގެ ހަރުގޭގައި އަންގާރަ ދުވަހު ބޭއްވި ނޫސްކޮންފަރެންސްގައެވެ. ނަޝީދު ވިދާޅުވި ގޮތުގައި އެމްޑީޕީގެ ފަލްސަފާއަކީ އިންސާފުވެރި އޯގާތެރި ރައްޔިތުންގެ އަޑު އަހާ ރައްޔިތުން ބޭނުންވާ ވެރިކަމުގެ ބިންގަލެއް އެޅުންކަމުގައެވެ. ތަރައްގީގެ ފިޔަވަޅެއް އެޅޭނީ މިބިންގާ އެޅިގެން ކަމުގައި ނަޝީދު ވިދާޅުވިއެވެ. އަދި ވޭތިވެދިޔަ 30 އަހަރު ރާއްޖޭގައި ވެރިކަން ކުރި މައުމޫނުގެ ވެރިކަމުގައި މިބިންގާ އެޅިފައި ނުވާކަމުގައި ނަޝީދު ވިދާޅުވިއެވެ. އަދި މައުމޫނުގެ ވެރިކަމުގައި ފެނިގެން ގޮސްފައިވަނީ އަނިޔާވެރިކަމާއި ހައްގުތަކަށް ހުރަސްއެޅުން ކަމުގައި ނަޝީދު ވިދާޅުވިއެވެ. ޚުދުމުޚްތާރު ވެރިކަން ހިންގާ މީހުންނާއި އެއްޕާޓީ ގެނައުމަށް ތާއީދުކުރާ މީހުންނާއި އެކެއްގެ ހިޔާލަށް ސަރުކާރު ހިންގާ މީހުންނާއި އެމްޑީޕީއަށް ނުގުޅެވޭނެކަމުގައި ނަޝީދު ހާމަކުރެއްވިއެވެ.

ނަޝީދު ވިދާޅުވި ގޮތުގައި އޯގާތެރި ހެޔޮ ވެރިކަމެއް ހިންގުމުގައި ގަބޫލުކުރަންޖެހޭ ރުކުންތަކަކީ އިންސާނާއަށް އެއްވެސް ފެންވަރެއްގައި އަނިޔާވެރިވެގެން ނުވުމާއި އިންސާނީ ގަދަރާއި ކަރާމާތަކީ އޮންނަ އެއްޗެއްކަމުގައި ގަބޫލުކުރުމެވެ. ހެޔޮވެރިކަމެއް ކޮށްގެން ނޫނީ ތަރައްގީ ނުކުރުވޭނެކަމަށް ނަޝީދު ވިދާޅުވިއެވެ. އަދި ނޫސްވެރިކަމާއި ދުލާއި ގަލަމުގެ މިނިވަން ކަމަކީ ތަރައްގީގެ ރުކުނެއްކަމަށާއި އެއްވެ އުޅުމާއި ޖަމާއަތް ހަދާ ޝިޔާރު ފާޅުކުރުމުގެ މިނިވަންކަން އޯގާތެރިވެރިކަމެއްގައި ލިބޭނެކަމުގައި ނަޝީދު ވިދާޅުވިއެވެ.

މިއަދުގެ ނޫސްކޮންފަރެންސްގައި ރައީސް މައުމޫނުގެ ސަރުކާރުގެ ފަރާތުން ނުހައްގުން އަނިޔާ ލިބިފައިވާ ދެބޭފުޅުންކަމުގައިވާ ތާރީހު ދިރާސާ ކުރުމުގެ ރޮގުން މަޝްހޫރުވެފައިވާ ތަނޑިރަތްމާގޭ އަހުމަދު ޝަފީގާއި އިންޓަނެޓް މަޖައްލާ ސަންދާނު ނެރުއްވައިގެން ޖަލަށް ލެވުނު މުހައްމަދު ޒަކީ (ނަޒާކީ ޒަކީ) ބައިވެރިވެވަޑައިގަތެވެ.

80 އަހަރުން މަތިވެފައިވާ ޝަފީގުވަނީ އެބޭފުޅާ ދެކިލެއްވި ފަސް ވެރިއެއްގެ ވެރިކަމުގައި އަނިޔާވެރިކަން ހުރި މިންވަރު ކިޔައިދެއްވާފައެވެ. އަދި އެބޭފުޅާ ގަބޫލުކުރައްވާ ގޮތުގައި ރައީސް މައުމޫނުގެ ފަރާތުން އެކި ބާވަތްތަކުގެ އަނިޔާވެރިކަން ތަހައްމަލުކޮށް 111 ބޭފުޅެއް އަވަހާރަ ވެފައިވާކަމުގައި ޝަފީގު ވިދާޅުވިއެވެ. މައުމޫނުގެ ވެރިކަން ވެއްޓޭ ދުވަހަކުން މައުމޫނަށް އަނިޔާކޮށް ތަޅާމަރައިގެން ނުވާނެކަމަށާއި އޭނާއަށް ދިފާއުވުމުގެ ފުރުސަތު ދީގެން އޭނާއާއި ދެކޮޅަށް ދައުވާކުރާން ޖެހޭނެ ކަމުގައި ޝަފީގު މިއަދު ވިދާޅުވިއެވެ. ޒަކީ ވިދާޅުވި ގޮތުގައި މިރާއްޖޭގައި ވޭތިވެދިޔަ 30 އަހަރު ހިންގާފައިވާ އެކި ފެންވަރުގެ އަނިޔާތަކަކީ ރައީސް މައުމޫނަށް އެނގިގެން ދީފައިވާ އަނިޔާއެވެ.

1 Comment

  1. ރައީސު މައުމޫނަށް އެގިގެން ރައްޔިތުންނަށް ދީފައިވާ އަނިޔާތަކުގެ ދައުވާއަކީ ކުރައްވަންޖެހޭ ކަމެއްކަމުގައި އަޅުގަޑުދެކޭ ވާހަކަ މިފުރުސަތުގައި ދައްނަވާލަން ބޭނުން، އަދި މިފަހރުގެ އިންތިޚާބުގައި މައުމޫނުއަށް ފުރުސަތު ނުދިނުމަށް ކުރެވެން ހުރިހާ މަސައްކަތެއް ކޮށްދެއްވުމަށް އަޅުގަޑުދައްނަވާލަން

    Comment by Anonymous — September 9, 2008 @ 10:53 pm