ޚުދުމުޚްތާރު ވެރިކަމަކުން ތަޖުރިބާ ލިބިލައްވާފައިވާ ބޭފުޅެއް ވެރިކަމަށް އައިސްފިނަމަ އިސްލާހަށްޓަކައި ކުރި ހުރިހާ މަސައްކަތެއް ބޭކާރުވެގެން ހިނގައިދާނެ- ވަގުތީ ރައީސް ޒަކީ
ވޭތިވެދިޔަ 30 އަހަރު މިރާއްޖޭގެ އޮތް ޚުދުމުޚްތާރު ވެރިކަމުން ތަޖުރިބާ ލިބިލައްވާފައިވާ ބޭފުޅެއް ވެރިކަމަށް އައިސްފިނަމަ ދިވެހިން އިސްލާހަށްޓަކައި ކުރި ހުރިހާ މަސައްކަތެއް ބޭކާރުވެގެން ހިނގައިދާނެ ކަމަށް އެމްޑީޕީގެ ވަގުތީ ރައީސް ވިދާޅުވެއްޖެއެވެ.
ވަގުތީ ރައީސް އިބްރާހިމް ހުސައިން ޒަކީ މިހެން ވިދާޅުވީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދުގެ ވެރިކަމެއްގައި ދިވެހިންނަށް ހޯއްދަވައިދެއްވާނެ “ހެޔޮ ސަރުކާރާއި” ބެހޭ މައުލޫމާތު ދެއްވުމަށް އެމްޑީޕީގެ ހަރުގޭގައި މިއަދު ބޭއްވި ނޫސްކޮންފަރެންސްގައެވެ.
ޚުދުމުޚްތާރު ސަގާފަތުގެ ވެރިން ވެރިކަމަށް އައުމުން ކަންތައް ދިމާވާގޮތުގެ މިސާލު ރާއްޖެއިންނާއި ބޭރު ދުނިޔޭންވަނީ ފެންނަމުންދާކަމުގައި ޒަކީ ވިދާޅުވިއެވެ. މިގޮތުން ރާއްޖޭން ފެނުނު ހަގީގަތަކީ އެއްވެއުޅުމުގެ ގާނޫނީ މިނިވަންކަން ނޫގާނޫނު އަސާސީން ރައްޔިތުންނަށް ލިބިފައިވަނިކޮށް ޚުދުމުޚުތާރު ވެރިއެއްގެ އެގާނޫނުގެ ރޫހާއި ޚިލާފަށް އެހެން މާނައެއް ނެރުއްވައިގެން ރައްޔިތުންނަށް އެއްވެއުޅުން މަނާކުރެއްވުންކަމުގައި ޒަކީ ވިދާޅުވިއެވެ. އަދި ބޭރު ދުނިޔޭން ފެނުނު ހަގީގަތެއްކަމަށް ޒަކީ މިސާލު ޖެއްސެވީ ޔުކްރޭންގައި ގެނެވުނު ރައްޔިތުންގެ އިންގިލާބަށްފަހު ވެރިކަމަށް ވަޑައިގެންނެވި ބޭފުޅާއަކީ ޚުދުމުޚްތާރު ވެރިކަމުގެ ސަގާފަތް ލިބިލައްވާފައިވާ ބޭފުޅަކަށްވުމުން އޭގެ މަދު އަހަރުތަކެއް ފަހުން އެބޭފުޅާއާއި ދެކޮޅަށް ރައްޔިތުން ނިކުންނަން ޖެހުންކަމުގައި ވިދާޅުވިއެވެ.
ޒަކީ މިއަދު ވަނީ މައުމޫނުގެ ސަރުކާރުގައި ކުރިން އެޓާނީ ޖެނެރަލްކަންކުރައްވާ މިހާރު ސިޔާސީ ގޮތުން މައުމޫނާއި އިދިކޮޅުވެފައިވާ ދެބޭފުޅެއްގެ ވާހަކަ ފާހަގަކުރައްވާފައެވެ. މިގޮތުން ޑރ. ހަސަން ސައީދަކީ ޚުދުމުޚްތާރު ވެރިކަމަކުން ތިން އަހަރު ތަޖުރިބާ ހޯއްދަވާފައިވާ ބޭފުޅެއްކަމަށާއި ޑރ. މުހައްމަދު މުނައްވަރަކީ 43 ހާސް ދިވެހިންގެ މައްޗަށް ހުކުމް ކުރައްވާފައިވާކަމަށް އަމިއްލައަށް އެއްބަސްވެލައްވާ ބޭފުޅެއްކަމަށް ވިދާޅުވިއެވެ. “މިއިންކޮންމެ ބޭފުޅެއްގެ މާޒީއެއްވޭ. އެހެންކަމުން މާޒީއަށް ވިސްނާފައި މުސްތަގްބަލަށް މިބޭފުޅުންނާއި މެދު ގޮތެއް ނިންމަވަންވާނީ” ޒަކީ ވިދާޅުވިއެވެ.
ޒަކީ ވިދާޅުވީ ރައްޔިތުން ބޭނުންވާ ހަގީގީ ބަދަލު ގެނެސް ދިވެހި ރައްޔިތުންނަށް ޑިމޮކްރެޓިކް ގާނޫނުން އަމަލުކުރައްވާން ފެއްޓެވޭނީ ޚުދުމުޚްތާރު ސަގާފަތެއް ނެތް ބޭފުޅަކަށް ކަމަށެވެ. ޒަކީ ވިދާޅުވި ގޮތުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދަކީ ޚުދުމުޚްތާރު ވެރިކަމެއްގެ ސަގާފަތެއްގައި އެއްގޮތަކަށްވެސް ޖެހިވަޑައިގެންފައިވާ ބޭފުޅެއް ނޫނެވެ. އެހެންކަމުން އެމްޑީޕީން ކުރާނެ ހެޔޮލަފާ ވެރިކަންވާނީ ރައްޔިތުން ބޭނުންވާކަންތައް ވެރިން ނިންމުމުގެ ބަދަލުގައި ރައްޔިތުން ނިންމައިގެން ކުރާ ވެރިކަމެއްކަމުގައެވެ.
މިއަދުގެ ނޫސްކޮންފަރެންސްގައި ޒަކީ އާއި އެކު ބައިވެރިވެލެއްވި ޑރ. އައިމިނަތު ޖަމީލް ވިދާޅުވީ ބަޔަކު ކޮންމެ ވާހަކައެއް ދެއްކި ނަމަވެސް ދިވެހި ރައްޔިތުންނަށް ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި އެއްވެ އުޅުމުގެ މިނިވަންކަން އަދި އިންސާނީ ހައްގުތައް ހޯދައިދިނުމުގައި އެންމެ ބޮޑަށް އަދި އެންމެ ފުރަތަމަ މަސައްކަތްކޮށްފައިވަނީ އެމްޑީޕީކަމުގައެވެ.