Wathan Edhey Gothah – MDP » ރައްޔިތުންގެ އަތަށް މިފަހަރު ލިބޭ ވޯޓު ކަރުދާސް ކޮޅަކީ ވަރަށް ގިނަ ބައެއްގެ ތުރާ ވޭނަށްފަހު ރަށްދުކުރެވޭ ވޯޓުކަރުދާސް ކޮޅެއް – ކެންޑިޑޭޓް ނަޝީދު

September 13, 2008

ރައްޔިތުންގެ އަތަށް މިފަހަރު ލިބޭ ވޯޓު ކަރުދާސް ކޮޅަކީ ވަރަށް ގިނަ ބައެއްގެ ތުރާ ވޭނަށްފަހު ރަށްދުކުރެވޭ ވޯޓުކަރުދާސް ކޮޅެއް – ކެންޑިޑޭޓް ނަޝީދު

ރައްޔިތުންގެ އަތަށް މިފަހަރު ލިބޭ ވޯޓު ކަރުދާސް ކޮޅަކީ ވަރަށް ގިނަ ބައެއްގެ ތުރާ ވޭނަށްފަހު ރަށްދުކުރެވޭ ވޯޓުކަރުދާސް ކޮޅެއް ކަމަށާއި އެކަރުދާސްކޮޅަށް ބޭއިންސާފު ވެލައްވައިފިނަމަ އެކަމަކީ ހަމައެކަނި ތިމާގެ ނަފްސަށް ވެވޭ ބޭއިންސާފެއް ނޫން ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދު (އަންނި) ވިދާޅުވެއްޖެއެވެ.

ސެޕްޓެމްބަރ 12 އިން 13 އަށް އެމަނިކުފާނު ރ. އަތޮޅުގެ ބައެއް ރަށްރަށަށް ކުރައްވާ ކެންޕެއިން ދަތުރުގައި އެއަތޮޅު ރޭ ދެއްކެވި ވާހަކަފުޅުގައި ކެންޑިޑޭޓް ނަޝީދު ވިދާޅުވީ ވޯޓު ކަރުދާސް ކޮޅު ރައްޔިތުންގެ އަތްމައްޗަށް ލިބިލައްވަނީ އެކަރުދާސްކޮޅު އެގޮތަށްއޮވެ އޭގައި އެތައް ނަންތަކެއް ހުރެ އެނަންތަކުގެ ތެރެއިން ރައްޔިތުންނަށް ފެނިލައްވާ ނަމަކަށް ވޯޓުދެއްވުމުގެ މިނިވަންކަމާ އިޚްތިޔާރާއެކު ކަމަށެވެ.

“ވަރަށްގިނަ ބައެއްގެ ޤުރުބާނީ ވަރަށްގިނަ ބައެއްގެ ހިތި ތަޖުރިބާ. އަޅުގަނޑު ދަންނަވާނީ ބައެއް ބޭފުޅުންނަށް ތަހައްމަލު ކުރަންދަތި، ދަތި ދަރަޖައިގެ އަނިޔާއާ ދަތި ދަރަޖައިގެ ތުރާ ވޭނަށްފަހު ތިބޭފުޅުންނަށް ރައްދުކުރެވޭ ވޯޓު ކަރުދާސްކޮޅެކޭ ތިބޭފުޅުންނަށް ތިލިބިލައްވަނީ. އެކަރުދާސްކޮޅަށް ބޭއިންސާފު ވެލައްވައިފިނަމަ އެއީ ހަމައެކަނި ތިމާގެ އަމިއްލަ ނަފްސަށްހެދޭ ގޯހެއްނޫން. އެއީ ތިބޭފުޅުންގެ ދަރީންނާ ދަރީންގެ ދަރީންނަވެސް އައި މުޅި ޤައުމަށްވެސް ވެވޭ ބޭއިންސާފެއްކަމަށް ވެގެންދާނެ. ވޯޓު ކަރުދާސްކޮޅަކީ މުހިންމު އެއްޗެއް” ކެންޑިޑޭޓް ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ އެކަރުދާސްކޮޅަކީ އެއްވެސް ހާލެއްގައި ވަގުތީ ފައިދާއަށް ދޫކޮށްލެވޭ ވަރަށްވުރެ މާއަގުބޮޑު ކަރުދާސްކޮޅެއް ކަމަށާއި މިކަރުދާސް ކޮޅަކީ ރައްޔިތުންގެ މުޅިހަޔާތް ދަރީންނާ ދަރީންގެ ދަރީންގެ މުޅިމުސްތަގުބަލް އޭގެޒަރީއާއިން ބަދަލު ކުރެވެންއޮތް ކަރުދާސްކޮޅެއް ކަމަށެވެ. އަދި އެކަރުދާސްކޮޅު މީގެކުރީ ފަހަރުތަކުގައި ބައެއް ބޭފުޅުންނަށް ފަރުވާކުޑަކުރެވިފައި އެބަހުރި ކަމަށާއި އެގޮތުން އެކަރުދާސްކޮޅު ވަގުތީ ފައިދާއަކަށް ކުޑަ ފައިސާކޮޅަކަށް ނުވަތަ ކުލަބު ޖަމްޢިއްޔާއަށް ދޭއެހީއެއްގެ ގޮތުގައި ދޫކޮށްލެވިފައި އެބަހުރި ކަމަށެވެ.

“ކަރުދާސް ކޮޅަކީ ގޭފުރާޅު ޓިނަށް ކޮށްދޭ ބޭސްފަރުވާއަށް ދޫކޮށްލެވޭ އެއްޗަކަށް ވަނީނަމަ ތިބޭފުޅުންނަށް މިހާތަނަށް ތިބޭފުޅުންގެ އަމިއްލަ ދިރިއުޅުން ފުރިހަމަކުރުމަށް ލިބޭނެއެންމެ ވަރުގަދަ ފުރުސަތު ނަގާލެވުނީ” ކެންޑިޑޭޓް ނަޝީދު ވިދާޅުވިއެވެ.

ސެޕްޓެމްބަރ 12 ން 13 އަށް އެމް.ޑީ.ޕީގެ ރިޔާސީ ކްނެޑިޑޭޓް މުޙައްމަދު ނަޝީދު ރ. އަތޮޅުގެ ބައެއް ރަށްރަށަށް ކުރައްވާ ކެންޕެއިން ދަތުރުގައި ހުކުރު ދުވަހު ފުރަތަމަ ވަޑައިގަތީ މަޑުއްވަރީއަށެވެ. މަޑުއްވަރީން ނަޝީދަށް މަރުޙަބާ ކިޔުމަށް ވަޑައިގެންތިއްބެވި ބޭފުޅުންނާ ބައްދަލު ކުރެއްވުމަށްފަހު ދޮރުންދޮރަށް ކެމްޕެއިންކުރެއްވުމަށް ވަޑައިގެންނެވިއެވެ. އެއަށްފަހު މަޑުއްވަރީގައި “ވަގުތީހިޔާ” 4 ވަނަ ރޯދަމަހުގެ ދުވަސްތައް މާޔޫސްކަމާއެކު ގުނަމުންދާ އެއަތޮޅުގެ ކަނދޮޅުދޫ ރައްޔިތުންނާ ބައްދަލު ކުރައްވާ ވާހަކަދެއްކެވިއެވެ. ނަޝީދުގެ ވާހަކަފުޅު މައިގަނޑު ގޮތެއްގައި އަމާޒުކުރެއްވީ އެބޭފުޅާގެ ރިޔާސީ ފަސް ވަޢުދުގެ މައްޗަށެވެ.

މިބައްދަލުވުމަށްފަހު އެނގިގެންދިޔައީ މަޑުއްވަރީގެ ރައްޔިތުންވެސް ބަދަލަކަށް ބޭނުންވެފައިވާކަމެވެ. މަޑުއްވަރީ ރައޔިތުންގެ މައިގަނޑު ޝަކުވާއަކަށްވީ ނަޝީދު އެރަށަށް މީގެކުރިން ވަޑައިގެންފައި ނުވާކަމުގެ ޝަކުވާއެވެ. އަދި އެރަށަށް ކައިރި ކުރިމަގެއްގައި ދަތުރުފުޅެއް ކުރެއްވުމަސް ގިނަޢަދަދެއްގެ ޒުވާނުން ނަޝީދުގެ އަރިހުން އެދިވަޑައިގެންނެވިއެވެ.

މަޑުއްވަރީއަށްފަހު ނަޝީދު ދެންވަޑައިގެންވީ އިނގުރައިދޫއަށެވެ. އިނގުރައިދޫ ގައިވެސް ގިނަޢަދަދެއްގެ ބަޔަކު ނަޝީދުގެ އިސްތިގުބާލުގައި ތިއްބެވިއެވެ. ބަނދަރު ސަރަޙައްދުގައި އިނގުރައިދޫގެ ރައްޔިތުންނާ ބައްދަލުކޮށް ލެއްވުމަށްފަހު ނަޝީދު އުނގޫފާރަށް ވަޑައިގެންނެވީ މެންދުރުފަހުއެވެ. ކެންޑިޑޭޓް ނަޝީދުގެ ދަތުރުފުޅަށް އުނގޫފާރުން ވަރަށްބޮޑަށް ތައްޔާރުކޮށްފައިވާކަން ފާހަގަކުރެއްވުމަށް ނަޝީދުއަށް މަރުޙަބާކިޔުމަށް ވަޑައިގެންތިއްބެވި އެތައްސަތޭކަ ބަޔަކު މެދުކެނޑުމެއްނެތި “އަންނި ހޯޕް ހޯޕް” އޭގޮވަމުން ގެންދިޔައެވެ. އެމް.ޑީ.ޕީގެ ވަފުދު އުނގޫފާރަށް ފޭބިއްސުރެ މަރުހަބާގެ އަޑު ކެނޑިގެންނުދެއެވެ. އުނގޫފާރު މަސްވެރިންގެ ހިޔަލުގައި އެތައްސަތޭކަ ބަޔަކާ މުޙާތަބުކޮށް ވާހަކަދެއްކެވުމަށްފަހު ކެންޑިޑޭޓް ނަޝީދު ވަޑައިގެންނެވީ އުނގޫފާރުން ބިކަހާލުގައި ކަނދޮޅުދޫ މީހުންއުޅޭ ސުނާމީ ޓެންޓްތަކުގައި ދިރިއުޅޭ ކަނދޮޅުދޫގެ ނިކަމެތިކޮށްލެވިފައިވާ ރައޔިތުންނާ ބައްދަލުކޮށްލެއްވުމަށެވެ.

ސުނާމީ ޓެންޓްތަކަށް ނަޝީދު ވަޑައިގެންނެވިއިރު އަރިހުގައި އެތައްސަތޭކަ ޒުވާނުން މެދުކެނޑުމެއްނެތި ނަޝީދަށް ތަރުޙީބުދެއްވަމުން ގޮސްފައިވެއެވެ. އެމަންޒަރު ބޮޑަށް ސިފަކުރެވުނީ ޢީދެއްގެ ގޮތުގައެވެ. އުނގޫފާރަށްފަހު ހަވީރު އަލިފުއްޓަށް ވަޑައިގަތުމުން އަލިފުށިންވެސް ނަޝީދަށް ވަރަށްހޫނު މަރުހަބާއެއް ކިޔާފައިވެއެވެ. އަލިފުށީގައި ދޮރުންދޮރަށް ކެމްޕެއިން ކުރެއްވުމަށްފަހު ހުކުރުދުވަހުގައި އަލިފުށީ އެސް.ޓީ.އޯ ކައިރީބޭއްވި ޖަލްސާއަށްވެސް ވަރަށްގިނަބަޔަކު ހާޒިރުވިއެވެ. ޖަލްސާގައި ނަޝީދު ވިދާޅުވީ މިފަހަރު މިބޭއްވޭ ރިޔާސީ އިންތިޚާބު ރައްޔިތުންނާ ހަމައަށް ގެނެސްދެއްވީ އެމްޑީޕީން ކަމުގައެވެ. ހޮނިހިރު ދުވަހު ނަޝީދު ވަޑައިގަތުމަށް ހަމަޖެހިފައިވަނީ އަނގޮޅިތީމުގެ އިތުރުން ހުޅުދުއްފާރަށެވެ. ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެވަޑައިގަންނަވާނީ ހޮނިހިރު ދުވަހުގެ ހަވީރުގެ ވަގުތެއްގައެވެ.