Wathan Edhey Gothah – MDP » އެމްޑީޕީގެ ސަރުކާރެއްގައި ގެންގުޅުއްވާނެ ޒުވާނުންގެ ސިޔާސަތު ތައްޔާރުކުރުމަށްޓަކައި ޒުވާނުންގެ ޚިޔާލު ހޯދައިފި

September 13, 2008

އެމްޑީޕީގެ ސަރުކާރެއްގައި ގެންގުޅުއްވާނެ ޒުވާނުންގެ ސިޔާސަތު ތައްޔާރުކުރުމަށްޓަކައި ޒުވާނުންގެ ޚިޔާލު ހޯދައިފި

އެމްޑީޕީގެ ސަރުކާރެއްގައި ޒުވާނުންގެ ކަންތައްތައް ކުރިޔަށް ގެންދާނެ ގޮތުގެ ސިޔާސަތު ތައްޔާރުކުރުމަށްޓަކައި ޒުވާނުންގެ ޚިޔާލު ހޯދައިފިއެވެ.
މި ހަރަކާތް ހިންގާފައިވަނީ މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހުގެރޭ ދަރުބާރުގޭ ބިއްލޫރި މާލަމުގައެވެ. މިހާރު އެމްޑީޕީން ކަނޑައަޅާފައިވާ ބައެއް ސިޔާސަތުތަކާއި މެދު ޒުވާނުންގެ ޚިޔާލު ހޯދާ ޒުވާނުން އިތުރަށް ބޭނުންވާކަންތައްތައް ހާސިލް ކުރުމަށް ކުރަންޖެހޭނެ ކަންތައްވެސް އެރޭ ސާފުކުރައްވާފައިވެއެވެ.

އަނެއް ދިވެހިރާއްޖެ ކެމްޕޭންގެ ޒުވާނުންގެ ކޯ ގްރޫޕްގައި އިސްކޮށް ހަރަކާތްތެރިވާ ބޭފުޅެއްކަމުގައިވާ ޝެހެނާޒު އަބްދުﷲ ވިދާޅުވީ އެމްޑީޕީގެ ސިޔާސަތުތައް އެކުލަވާލުމަށް ދިވެހި ރައްޔިތުންގެ ޚިޔާލު ހޯދުމަށް ކުރި ސާވޭގައިވެސް ޒުވާނުންނާއި ބައްދަލުކުރައްވާފައިވެއެވެ. “އެމްޑީޕީގެ ކޮންމެ ސިޔާސަތެއް އެކުލަވާލުމަށްޓަކައިވެސް ރައްޔިތުންގެ ޚިޔާލު ހޯދާ. ހަމަ އެގޮތަށް ޒުވާނުންގެ ކަންތައްތައް ކުރިޔަށް ގެންދަން ޒުވާނުންގެ ޚިޔާލު ހޯދުން މުހިއްމުކަމަށް އެމްޑީޕީން ދެކެނީ” ޝެހެނާޒު ވިދާޅުވިއެވެ.

އަނެއް ދިވެހިރާއްޖެ ޔޫތު ކެމްޕޭންގެ ނަމުގައި ވަރަށް ގިނަ ހަރަކާތްތަކެއް ކުރިޔަށް ގެންދާކަމަށް ކެމްޕޭން އޮފީހުން މައުލޫމާތު ދެއްވައެވެ. މިގޮތުން ކޮންމެ ހަފްތާއަކުވެސް މާލޭގެ ކޮންމެވެސް ސަރަހައްދެއްގައި ޒުވާނުންނަށް ޕޯސްޓަރާއި ސްޓިކާރ ބެހުމަށްޓަކައި މިޓީމުން ހަރަކާތްތެރިވެއެވެ.

މީގެ އިތުރުން އަނެއް ދިވެހިރާއްޖޭގެ މައުލޫމާތު ޒުވާނުންނަށް ފޯރުކޮށްދިނުމަށްޓަކައި “ކޮފީ ނައިޓް” ފާހަގަކުރަން ފަށާފައިވާކަމަށް މައުލޫމާތު ލިބެއެވެ.

1 Comment

  1. ކީއްވެތޯ ރާއްޖެތެރޭގައި ތިބި ޒުވާނުންގެ ޚިޔާލުނުހޯދަނީ ހުރިހައި އަތޮޅެއްގެ ދާއިރާ ތަކަށް ހުށަހަޅައިގެން ޒުވާނުންގެ ޚިޔާލުހޯދުން މުހިއްމު

    Comment by maik — September 16, 2008 @ 9:17 am