Wathan Edhey Gothah – MDP » ބޮޑު ތިލަދުންމަތީގެ ތިންއަތޮޅުން އަނެއް ދިވެހިރާއްޖެ ކެމްޕޭނަށް އެހީވުމަށްޓަކައި ކޮމިޓީއެއް އެކުލަވާލައިފި

September 13, 2008

ބޮޑު ތިލަދުންމަތީގެ ތިންއަތޮޅުން އަނެއް ދިވެހިރާއްޖެ ކެމްޕޭނަށް އެހީވުމަށްޓަކައި ކޮމިޓީއެއް އެކުލަވާލައިފި

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދު (އަންނި) އަށް ތާއީދުކޮށް އަނެއް ދިވެހިރާއްޖެ ކެމްޕޭނަށް އެހީވުމަށްޓަކައި ބޮޑު ތިލަދުންމަތީގެ ތިން އަތޮޅު ކަމަށްވާ ހއ، ހދ އަދި ށ އިން ކޮމިޓީއެއް އެކުލަވާލައިފިއެވެ.

18 މެމްބަރުންގެ މައްޗަށް އެކުލެވޭ މިޓީމު އެކުލަވާލާފައިވަނީ މާލޭގައި ދިރިއުޅޭ ތިލަދުންމަތީގެ ރައްޔިތުން އެއްތަނަކަށް ޖަމާވެ ކެމްޕޭނާއި މެދު ޚިޔާލު ބަދަލުކުރުމަށްޓަކައި ހއ އަދި ހދ ގެ ގޮފިތަކުން ހުކުރު ދުވަހުގެރޭ މާފަންނު މަދަރުސާގައި ބޭއްވި ޚާއްސަ ހަފްލާއެއްގައެވެ. މި ކޮމިޓީގެ އިސްބޭފުޅަކަށް ހޮވާފައިވަނީ ހދ ވައިކަރަދޫގެ ހުސެން ސިރާޖު ހެދޭކުރިއެވެ.

މާލޭގައި ދިރިއުޅޭ ތިލަދުންމަތީގެ ވަރަށް ގިނަ ރައްޔިތުން ބައިވެރިވި މިހަފްލާގައި ތިން އަތޮޅުގެ ދާއިރާތަކުގެ އިސްބޭފުޅުން ވާހަކަ ދެއްކެވިއެވެ. އެގޮތުން ހއ ދާއިރާގެ ރައީސް އަހުމަދު އަބްދުﷲ ދެއްކެވި ވާހަކައިގައި ގޮވާލެއްވީ ދިވެހި ރައްޔިތުންނަށްޓަކައި މިގައުމު އިސްލާހު ކުރި މީހުންނަށް މަގާމުތައް ހަވާލުކުރެއްވުމަށެވެ. އަހުމަދު ވިދާޅުވި ގޮތުގައި ރާއްޖޭގެ ރައްޔިތުންނަށް ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި އެއްވެއުޅުމުގެ މިނިވަންކަމާއި އިންސާނީ ހައްގުތަކާއި އެހެނިހެން ހައްގުތައް ހޯއްދަވައިދެއްވުމަށް މަސައްކަތްކުރެއްވީ އެމްޑީޕީގެ އިސްބޭފުޅުންކަމުގައެވެ. އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދަކީ ދިވެހިން އެދޭ އަނެއް ދިވެހިރާއްޖޭގެ ރައީސްކަމަށް އެންމެ ހައްގު ބޭފުޅާކަމުގައިވެސް އަހުމަދު ވިދާޅުވިއެވެ. ހިހޫތަނުން ކާންބޭނުންވާ މީހުން ރައީސްކަމުގެ މަގާމަށް ކުރިމަތިލައްވާފައިވާކަމަށްވެސް އަހުމަދު ވިދާޅުވިއެވެ.

ހދ ދާއިރާގެ ފަރާތުން ވާހަކަ ދެއްކެވީ ކުޅުދުއްފުށީ އަލީ މުހައްމަދެވެ. އެބޭފުޅާ ދެއްކެވި ވާހަކަފުޅުގައި އެމްޑީޕީގެ މެމްބަރުންނަށާއި މުހައްމަދު ނަޝީދަށް ތާއީދުކުރައްވާ ކޮންމެ ބޭފުޅެއްވެސް ނަޝީދަށް ވޯޓުލައްވާނެ އިތުރު ތިން ބޭފުޅުން ހޯއްދެވުމަށް ގޮވާލެއްވިއެވެ. އަލީ ވިދާޅުވި ގޮތުގައި ތިލަދުންމަތީގެ ރަށްތަކުންނާއި މާލޭގައި ދިރިއުޅޭ ތިލަދުންމަތީގެ ރައްޔިތުންގެ ފަރާތުން ފެންނަމުން މިދާ މަންޒަރުން އަނެއް ދިވެހިރާއްޖެއަށް ދިޔުމަށް ކުރާ އުއްމީދުތައް އާވެފައެވެ.

ށ ދާއިރާގެ ރައީސް އަސްލަމް ޝާކިރުގެ ވާހަކަފުޅު އަމާޒުކުރެއްވީ މުހައްމަދު ނަޝީދުގެ ފަސް ރިޔާސީ ވައުދުގެ މައްޗަށެވެ. އަދި މިފަސް ވަޢުދު ފުއްދުމަށް ގެންގުޅުއްވާނެ ސިޔާސަތުތައްވެސް އަސްލަމް ކިޔައިދެއްވިއެވެ.

1 Comment

  1. ސާބަސް

    Comment by sando — September 20, 2008 @ 5:33 pm