Wathan Edhey Gothah – MDP » ލ އަތޮޅަކީ ރައީސް މައުމޫނުގެ ސަރުކާރުން އެންމެ ބޮޑަށް އިހްމާލުވެފައިވާ އެއް އަތޮޅު – އެމްޑީޕީ

September 13, 2008

ލ އަތޮޅަކީ ރައީސް މައުމޫނުގެ ސަރުކާރުން އެންމެ ބޮޑަށް އިހްމާލުވެފައިވާ އެއް އަތޮޅު – އެމްޑީޕީ

އަތޮޅަކީ ރައީސް މައުމޫނުގެ ސަރުކާރުން އެންމެ ބޮޑަށް އިހްމާލުވެފައިވާ އެއް އަތޮޅުކަމަށް ތަޖްރިބާ ކުރެއްވޭކަމަށް އެމްޑީޕީގެ ވަގުތީ އަދި ނައިބުރައީސް އިބްރާހީމް ހުސައިން ޒަކީ ވިދާޅުވެއްޖެއެވެ.

ޒަކީ މިހެން ވިދާޅުވީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުހަންމަދު ނަޝީދަށް ތާއިދު ހޯއްދެވުމަށް އެޕާޓީގެ ލީޑަރޝިޕުން ލ އަތޮޅަށް ކުރަމުން ގެންދާ ދަތުރުފުޅުގައި އިސްދޫ ގައި ވާހަކަ ދައްކަވަމުންނެވެ.

އޭނާ ހުކުރުދުވަހު ވިދާޅުވީ ލ އަތޮޅަކީ ރައީސް މައުމޫނުގެ ސަރުކާރުން ޚުދުމުޚްތާރު ވެރިކަމެއް އެންމެ ވަރުގަދައަށް ހިންގި އެއް އަތޮޅުވެސް ކަމަށެވެ. އަދި އެފަދަ އަނިޔާވެރި ވެރިކަމެއް ލ އަތޮޅުގައި ހިންގާފައި ވަނީ ރައީސް މައުމޫނާއި އޭނާގެ އާއިލާއާއި އޭނާގެ ވެރިކަން ތާއަބަދަށް ދެމެހެއްޓުމަށްޓަކައި މަސައްކަތްކުރައްވަމުން ގެންދަވާ ދެތިން ފަރާތެއްގެ ނުފޫޒާއި އަނިޔާވެރިކަމާއި ބޭއިންސާފު ބޭނުން ކުރައްވައިގެން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

“މިދަތުރުން އަޅުގަނޑަށް ކުރެވޭ އަނެއް ތަޖްރިބާއަކީ އަނިޔާވެރި ވެރިކަމެއްގެ ޝިކާރައަކަށް ވެފައި ތިބި ލ އަތޮޅުގެ ލޮބުވެތި ރައްޔިތުން އިސްލާހުކުރެވުނު ގާނޫނު އަސާސީން ބާރު ލިބިގެން އެބައި މީހުންގެ މިނިވަންކަމަށް ހަށިފޮޅާލާފައި ތެދުވިކަން” ޒަކީ ވިދާޅުވިއެވެ. “މިކަމުގައި ގިނަ އަދަދެއްގެ ޒުވާނުން ފެނިގެން ދާކަމީ އެބައިމީހުން މުސްތަގްބަލް އެމީހުން އެދޭގޮތަށް އަމިއްލައަށް ކަނޑައެޅުމަށް ނިންމާފައިވާ ކަމުގެ ކުލަގަދަ ދަލީލެއް”
ޒަކީ ވިދާޅުވީ ލ އަތޮޅުން އެމްޑީޕީގެ މެމްބަރުން އިތުރުވެ “އެމްޑީޕީއަށް ލިބެމުން އާދަޔާޚިލާފު ތާއީދު ރަމްޒުކޮށްދެނީ ދިވެހިރާއްޖެއަށް ގެންނަމުން މިދާ ހެޔޮ ބަދަލުގެ ހަގީގީ ވާރުތަވެރިންނަކީ އެމްޑީޕީކަން ރައްޔިތުންގެ ގިނަ ބަޔަކު ގަބޫލުކުރާކަން” ކަމަށެވެ.

ޒަކީ އިތުރުން އުވިދިޔަ ޚާއްސަ މަޖިލީހުގެ މ އަތޮޅުގެ މެމްބަރު މުހައްމަދު ޝަފީގު އާއި ޑރ. އިބްރާހިމް ދީދީ ހިމެނިވަޑައިގަންނަވާ މިޓީމުން ބުރާސްފަތި ދުވަހު ޒިޔާރަތްކުރައްވާފައިވަނީ މާވަށް، ހިތާދޫ، މާމެންދޫ، ގަމު ތުނޑި އަށެވެ. ބުރާސްފަތި ދުވަހުގެ ރޭ ފުނަދޫގައި އާއްމު ޖަލްސާއެއް މިޓީމުން ބާއްވެވިއެވެ. ހުކުރު ދުވަހު މިޓީމުން ޒިޔާރަތްކުރައްވާފައިވަނީ ދަނބިދޫއަށާއި އިސްދޫކަލައިދޫއަށެވެ. އަދި ހޮނިހިރު ދުވަހު މިޓީމުން ޒިޔާރަތްކުރާނީ ގަމަށެވެ.

މިޓީމު މާލެ އައުމަށް ހަމަޖެހިފައިވަނީ ހޮނިހިރު ދުވަހުގެ ދަންވަރެވެ.

1 Comment

  1. އައްނިގެ ކެމްޕެއިންގެ ޖަލްސާތަކުގެ ވީޑިޔޯ ބެލެން މިސައިޓްގަ ނޫނީ ޔޫޓިއުބުން ބެލެން ހުންނަނަމަ ވަރަށް ރަގަޅުވީސް…
    ބޭރުގައި ހުންނަމީހެއް

    Comment by mohamed — September 14, 2008 @ 11:35 pm