Wathan Edhey Gothah – MDP » އެމްޑީޕީގެ ސަރުކާރެއްގައި ތީމުގޭ ޔުނިވާސިޓީއަކަށް ހައްދަވާނެކަމަށް ކެންޑިޑޭޓް ނަޝީދު ވިދާޅުވެއްޖެ

September 14, 2008

އެމްޑީޕީގެ ސަރުކާރެއްގައި ތީމުގޭ ޔުނިވާސިޓީއަކަށް ހައްދަވާނެކަމަށް ކެންޑިޑޭޓް ނަޝީދު ވިދާޅުވެއްޖެ


މައުމޫނު އަބްދުލް ގައްޔޫމްގެ ސަރުކާރުގެ އިސްރާފްގެ ނަމޫނާއަކަށް ވެފައިވާ ރިޔާސީ ގަޑުވަރު އެމްޑީޕީގެ ސަރުކާރަކުން ދިވެހި ރާއްޖޭގެ ފުރަތަމަ ޔުނިވަރސިޓީގެ މަރުކަޒަކަށް
ހައްދަވާނެ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދު (އަންނި) ވިދާޅުވެއްޖެއެވެ.

ނަޝީދު މިހެން ވިދާޅުވީ އެމްޑީޕީގެ ސަރުކާރަކުން ގެންގުޅުއްވާނެ ތައުލީމާއި އިންސާނީ ވަސީލަތް ތަރައްޤީ ކުރުމުގެ ސިޔާސަތު ހާމަކުރެއްވުމަށް ރޭ އެމްޑީޕީ ހަރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

އެމްޑީޕީގެ އެހެން ސިޔާސަތުތަކާއި އެއްފަދައިން ތައުލީމާއި އިންސާނީ ވަސީލަތް ތަރައްގީ ކުރުމުގެ ސިޔާސަތުވެސް ބިނާވެފައިވަނީ ރައްޔިތުންގެ ޝަކުވާތަކުގެ މައްޗަށެވެ. މި ޝަކުވާތައް ހުށަހެޅީ 2 ޒުވާން ކުދިންނެވެ. މިކުދިން ވާހަކަ ދައްކަމުން ފާހަގަ ކުރި މައްސަލަތަކުގެ ތެރޭގައި ވަޒީފާތަކަށް ބޭނުންވާ މައުލޫމާތާއި ހުނަރު ލިބިފައިވާ ދިވެހީން ނުލިބުމާއި ވަޒީފާ ނެތް ޒުވާނުންގެ އަދަދު މަތިވުން ފާހަގަ ކުރިއެވެ. އަދި ފެންވަރު ރަގަޅު މަތީ ތައުލީމު އަތްފޯރާ އަގެއްގައި ލިބެން ނެތުން، އަދި މީގެ ތެރޭގައި ޔުނިވަރސިޓީ ނެތުމުގެ މައްސަލަ، ވަރަށް މުހިއްމުކޮށް ފާހަގަ ކުރިއެވެ. މަދްރަސީ ދައުރަށް ބަލައިލަމުން މިކުދިން ފާހަގަ ކުރީ ޖީސީއޯލެވެލް އިމްތިހާނުގައި ބައިވެރިވާ ކޮންމެ 4 ކުދިންގެ ތެރެއިން 3 ކުދިން ފޭލިވާކަމާއި މާލެއާއި އަތޮޅުތަކުގައި ލިބޭ ތައުލީމުގެ ފެންވަރުގެ ތަފާތު ބޮޑުކަން ފާހަގަ ކުރިއެވެ. އަދި ދަންފަޅިތަކަށް ސްކޫލްތަކުގައި ކިޔަވައިދޭތީ ސްކޫލުން ބޭރުގައި ޒުވާންކުދިން ހޭދަކުރާ ވަގުތު ގިނަވެ ކުދިން ނުރަގަޅު ކަންކަމާ ދިމާލަށް ދާ ދިޔުން ވަރަށް ޚާއްސަކޮށް ފާހަގަ ކުރިއެވެ.

ނަޝީދު ހާމަ ކުރެއްވި އެމްޑީޕީގެ މައިގަޑު ތައުލީމާއި އިންސާނީ ވަސީލަތް ތަރައްޤީ ކުރުމުގެ ސިޔާސަތު ހިމެނެނީ މައިގަޑު 11 ނުކުތާއެކެވެ. އެއީ:
• ތައުލީމާބެހޭ ސަރުކާރުގެ ވުޒާރާގެ ޒިންމާއަކީ ތައުލީމީ ސިޔާސަތު އެކަށައެޅުމާއި، ދަރިވަރުން ލިބިގަންނަންޖެހޭ ތައުލީމާއި ހުނަރު އަދި ސިއްހީ ހަށިހެޔޮކަމުގެ ލަނޑުދަނޑިތައް ކަނޑައަޅާ، އެލަނޑުދަނޑިތައް ހާސިލްކުރުމަށް ބޭނުންވާ ފަންނީ އެހީ ފޯރުކޮށްދީ، އެލަނޑުދަނޑިތައް ހާސިލުކުރަމުން ދޭތޯ ބެލުން ކަމުގައި ހަމަޖައްސައިދިނުން.
• ތައުލީމު ދޭ އޮނިގަޑުގެ ދަށުން ސަރަހައްދުތަކަކަށް ރާއްޖެ ބަހާލައި ކޮންމެ ސަރަހައްދެއްގައި ގާއިމުކުރެވޭ ލޯކަލް އެޑިޔުކޭޝަން އޮތޯރިޓީއަކުން އެސަރަހައްދެއްގާ ދިރިއުޅޭ ހުރިހާ ކުދިންނަށް ޕްރީ ސްކޫލުން ފެށިގެން މަތީ ސާނަވީ ފެންވަރަށް ތައުލީމު ލިބޭނެ ފުރުސަތު ގާއިމުކުރުމަކީ ލޯކަލް އެޑިޔުކޭޝަން އޮތޯރިޓީތަކުގެ ޒިންމާކަމުގައި ހަމަޖައްސައިދިނުން.
• ތައުލީމީ ލަނޑުދަނޑިތައް ހާސިލްކުރުމަށް ބޭނުންވާ ހުރިހާ އިންތިޒާމެއް ހަމަޖެއްސުމަށް މާލީ އަދި ފަންނީ މުސްތަގިއްލުކަން ލޯކަލް އެޑިޔުކޭޝަން އޮތޯރިޓީއަށް ލިބިދޭނަން. އެގޮތުން ޓީޗަރުން ހޯދުމާއި ވަޒީފާގެ ބާޒާރުގެ އަގުތަކާއި ހަމަހަމަކަން ޤާއިމްކޮށް، ކުރާ މަސައްކަތުގެ ފެންވަރާއި ގުޅިފައިވާ މުސާރަދިނުމާއި، ސަޕްލައި ޓީޗަރުން ރެޖިސްޓަރ ކުރުމާއި އިން-ސަރވިސް ޓްރޭނިންގް ދިނުމާއި ލައިބްރަރީ އާއި ލެބޯޓްރީއާއި ކޮމްޕިއުޓަރ ޓެކުނޮލޮޖީ (އައިސީޓީ) އާއި ވަރކްޝޮޕް އަދި މިނޫންވެސް ކިޔަވައިދިނުމަށް ބޭނުންވާ ވަސީލަތްތައް ހޯދުމަކީ ލޯކަލް އެޑިޔުކޭޝަން އޮތޯރިޓީތަކުގެ ޒިންމާކަމުގައި ހަދައިދިނުން.
• ސްކޫލްތަކަކީ ކިޔެވުމަށް ރައްކާތެރި، ދަރިވަރުންނާ ރައްޓެހި، ކުޅިވަރާއި މުނިފޫހިފުލުވުމުގެ ވަސީލަތްތައް ލިބިދޭ ތަންތަން ކަމުގައި ހަމަޖައްސައިދިނުން.
• ލޯކަލް އެޑިޔުކޭޝަން އޮތޯރިޓީތަކާއި، ސްކޫލްތަކާއި، ސްކޫލް މެނެޖްމަންޓާއި ކިޔަވައިދޭ ޓީޗަރުން ކުދިންގެ އުނގެނުމަށް ޒިންމާ ކުރުވުން.
• ލޯކަލް އެޑިއުކޭޝަން އޮތޯރިޓީތަކުން ދޫކުރާ ލައިސަންސްގެ ދަށުން އަމިއްލަ ފަރާތްތަކުން ސްކޫލް ހިންގޭނެ ގޮތް ހަމަޖައްސައިދިނުން. އެގޮތުން އެމްޑީޕީގެ ސަރުކާރެއްގެ ފުރަތަމަ 2 އަހަރުގައި ސްކޫލް އެޅުމަށް އަމިއްލަ ފަރާތްތަކަށް ކުށްޔަކާނުލާ ވަކި މުއްދަތަކަށް ބިން ދޫކުރުން.
• ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް އެހެން ކުދިންނެކޭ އެއްހަމައަކުން ތައުލީމު ލިބޭނެ ފުރުސަތުތައް ހަމަޖައްސައިދިނުން.
• ކިޔެވުމަށް ބޭނުންވާ ފޮތް ފަންސޫރާއި ގަލަން އަދި ޓެކްސްޓްފޮތުގެ އިތުރުން އިމްތިހާނަށް ދައްކަންޖެހޭ ފީ ސަރުކާރުން ހިލޭ ލިބިދޭނެ ފަސޭހަ ގޮތެއް ހަމަޖައްސައިދިނުން.
• ރާއްޖޭގެ އިގްތިސާދަށް ފަހިކުރާ މަންހަޖެއް އެކުލަވާލައި ބިޒިނަސް، ސައިންސް އަދި އާޓްސްގެ އިތުރުން ޓެކްނިކަލް އަދި ވޮކޭޝަނަލް ޓްރޭނިންގ (ޓީވެޓް) ސްޓްރީމްތަކަށް ކިޔެވޭނެ ފުރުސަތު ސްކޫލްތަކުގައި ލިބިދޭނަން އަދި ތައުލީމީ މަންހަޖުގައި ބޭރުބަސްތައް، މީޑިޔާ، މިއުޒިކް، އަތްތެރިމަސައްކަތް، ޕަރފޯމިންގް އާޓްސް ފަދަ މާއްދާތައް ހިމެނުން.
• ކޮންމެ ސްކޫލަކީވެސް އެއް ދަންފަޅިއަށް ކިޔަވައިދޭ ސްކޫލެއް ކަމުގައި ހަމަޖައްސައިދިނުން.
• މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަން ޔުނިވަރސިޓީއަކަށް ބަދަލުކޮށް، ޔުނިވަރސިޓީ ކެމްޕަސްތައް ރާއްޖެ ބަހާލެވޭ ކޮންމެ ސަރަހައްދެއްގައި ތަރައްގީކޮށް، ފުލް-ޓައިމް އަދި ޕާޓް-ޓައިމްކޮށް ޔުނިވަރސިޓީގައި ކިޔެވޭ ގޮތެއް ހަމަޖައްސައިދިނުން.
• ސްކޫލް ނިންމާކުދިން މަތީ ތައުލީމު ނުވަތަ މަސައްކަތު ދާއިރާއިން ކޯހެއްގައި ބައިވެރިވެއްޖެނަމަ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ކޯސް ފީގެ ވަކި އިންސައްތަ ހަމަޖައްސައި އަނެއްބައި ދިގު މުއްދަތުގެ ލުއި ލޯނުން ދެއްކޭނެ ގޮތް ހަމަޖައްސައިދިނުން އަދި ގައުމަށް ކޮންމެހެން ބޭނުންވާ ކޯސްތަކުގައި ބައިވެރިވާ ކުދިންނަށް ދޭ އެހީ ބޮޑުކުރުން.

11 Comments

 1. އަހަންނަށް ހީވަނީ އިލްމީ އޭ ކިޔައިގެން ރައްޔިތުންގެ ބޯކަމުން އެދާ ހަސަން ސައީދަށްވުރެ އަންނިގެ އެޑިޔުކޭޝަން ޕޮލިސީ ރަގަޅުހެން

  Comment by Anonymous — September 14, 2008 @ 4:14 pm

 2. ކޮންމެ ރިޔާސީ ކެންޑިޑޭޓެއްވެސް ބުނަނީ 1800 ނުވަތަ 500 ކުދިންނަށް ސްކޮލާޝިޕްދޭން. އެހެންނަމަވެސް އަންނިގެ ޕޮލިސީގައި ބުނަނީ ދިވެހި ހުރިހާ ދަރިވަރުންނަށް ކިޔަވައިދޭނަމޭ. ވަރަށް ހިކުމަތްތެރި

  Comment by ޖަލީލް — September 14, 2008 @ 4:19 pm

 3. ހަގީގަތުގައި މިފަހަރު ވެރިކަމަށް ކުރިމަތިލާފައިވާ ގިނަމީހުން އެންމެ ބޮޑަށް ދަހިލަވާ އެއްތަނަކީ ތީމުގެ. މައުމޫނު އެތަނުގައި އުޅޭއަރާމުކަން ފެނިފަ ތިބި ކުރީގެ ވަޒީރުން ވެރިކަމަށް ފައިނަގާ އެއްސަބަބަކީ ތީމުގެ އެމީހުންނަށް ފެނިފައިވާތީ. ގާސިމުވެސް ހަސަން ސައީދުވެސް. އަންނި ތިހެއްދެވީ ވަރަށް މޮޅުގޮތެއް. ރައްޔިތުންނަށް ޓަކާ ވެރިކަން ކުރުމާ، ވެރިކަމަށް ޓަކާ ވެރިކަން ކުރުމާ، ވެރިކަމުގެ ދަހިވެތި ކަމުގައި އުޅުން މީ މުޅިން ތަފާތު ކަންތައް ތަކެއް ކަން މިއެނގެނީ. ސާބަސް!

  Comment by ibbe — September 14, 2008 @ 5:02 pm

 4. އަޅުގަނޑު އަންނިއަށް ވޮޓްލާން ނިންމީ ހަގީގަތުގައިވެސް އެމްޑީޕީގެ ސިޔާސަތުތަކަކީ ރައްޔަތުންގެ އަޑުއަހައިގެން ރައްޔަތުންގެ ވިންދާ އެއްގޮތަށް ރައްޔަތުންގެ ސަކުވާތަކާ އެއްގޮތަށް ބިނާވެފައިވާ ސަިޔާސަތުތަކަކަށް ވަތީ. ހަމަ ހަގީގަތުގަވެސް އެމްްޑީޕީ ނޫނީ ނެތޭ ރައްޔަތުންގެ އަޑުއަހާ ރައްޔަތުންގެ ވިންދާ އެއްގޮތައް މަސައްކަތްކުރާ އެއްވެސް ސިޔާސީ ޕާޓީއެއް. މިކަން އަޅުގަނޑުމެންނަށް އެނގެނީ އެމްޑީޕީގެ ސިޔާސަތުތަކުން، އެސިޔާސަތުތަށް އެކުލަވާލުމުގަ ރައްޔަތުންގެ ހިއްސާ ވަރަށްވެސް ބޮޑު. އަދި އަޅުގަނޑު ވަރަށް އަޖައިބުވި ރާއްޖެކަހަލަަ އެހާ ކުޑަކުޑަ ގައުމެއްގަ، ސިޔާސީ ޕާޓީީތަކުގެ ހަަޔާތް އެހާ ޅަފަތުގެ ދައުރެއް އޮތް ގައުމެއްގަ އެމްްޑީޕީ ކަހަލައިގެ އެހާ އޮގަނައިޒްް ސިޔަސީ ޕާޓީއެއް އޮތީމަ. އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަންނިގެ ވާހަކަ ދެއްކުންތެރިކަމުގަ ގެންގުޅޭ ދިވެހިވަންތަބަލާގާތްތެރި ފަށޫވި އިބާރާތްތަށްއަޅުގަނޑޫ ފާހަގަ ކޮށްލަން. ބަސްް މޮށުން ތެރިކަމުގަވެސް އެހެން ކެންޑިޑޭޓުން ނުގެންގުޅޭދިވެހިވަންތަ ސްޓައިލެއް އަންނި ގެންގުޅެނީ. މިސާލަކަށް ހެޔޮވެރިކަމެއް،ތާހިރު ދިރިއުޅުމެއް މިިހެންގޮސް އެތަށްބައިވަރު ލަފުޒުތަކެއް. އަޅުގަނޑު ވަރަށް ގަޔާވޭ އަންނި ގެންގުޅޭ ސްޓައިލަށް. އަޅުގަނޑޫ އެދެނީ އަޅުގަނޑުފަދަ އެތައްހާސްރައްޔަތުންނެއް އަންނިއަށް ވޯޓްދެއްވާ މިގައުމުގެ ވެރިއަކަށް އަަންނި ހޮވާދެއްވާނެކަމަށް =ވަކި ޕާޓިއަކަށް ނިސްބަތްނުވާ ޒުވާނެއް=

  Comment by Anonymous — September 15, 2008 @ 11:02 am

 5. ދިވެހި ޤައުމު އަމާން އައްސޭރިޔަކަށް ގެނެސްދެއްވުމަށް އައްނި އުފުއްލެވި ބުރައާއި ތަހައްމަލުކުރި ވޭނާއި ބަރުދާސްތުކުރި ދުވަސްތަކުގެ ބަދަލެއްގެގޮތުން އަހަރެންނާއި އަހަރެންގެ އާއިލާ އެންމެންގެ ވޯޓް އަހަރެމެންގެ ދަރިންގެ ދަރިންގެ ހައްގުގައި ހަދިޔާކުރާނީ މުހަންމަދު ނަޝީދު (އައްނި) އަށްއެވެ.
  = އިރުފާހް =

  Comment by iruppe — September 15, 2008 @ 11:49 am

 6. މީ ވަރަށް އުފާވެރި ހަބަރެއް…ގައުމުގެ މުސްތަޤްބަލް ބިނާ ކުރެވެނީ ވެރިން އެމިހުންގެ ޝުހެން ޝާހު މުއްސަނދިކޮށް ގަދަކުރުމުގެ ބަދަލުގައި ޤައުމުގެ ދަރިންނަށް ރަގަޅު ތައުލީމެއް ފޯރުވައިދިނުމަށް މަސައްކަތް ކޮށްގެން…

  Comment by Ahmed ali — September 15, 2008 @ 1:23 pm

 7. ސާބަހޭއަންނި، އަންނިގެ ސިޔާސަތުތައް ވެސް ވަރަށް ރަގަޅު. ތިއީ މައުމޫނުގެ ހުދުމުހުތާރިއްޔާ އިން ދިވެހި ޤައުމު ސަލާމަކޮށްދެއްވި ބޮޑުތަކުރުފާނެއް، އަހަރެމެން ބޭނުންވަނީ ތިފަދަ ވެރިއެއް، އިރާދަކުރެއްވިއްޔާ ކުރިއަށް އޮރް ރިޔާސީ އިންތިޚާބު ކާމިޔާބުކުރާނީ އަންނި

  Comment by Ashraf — September 16, 2008 @ 12:01 pm

 8. އަހަރެންގެ ވޯޓް އަންނި އަށް .. އަންނިގެ ޒައާމަތުގައި ދަތުރު ފަތުރު ކުރުމުގެ ނިޒާމަށް ، އެއް ރަށުން އަނެއް ރަށް ދާއިރު ފޮށިތަންމަތި ޗެކްކުރެވޭނެ ގޮތެއް އޮތުން ރައްކާތެރި ގޮތެއްކަމަށް ފެނޭ .. ޑްރަގްސް ހުއްޓވުމަށް ދޮރެއް…

  Comment by zulexx — September 16, 2008 @ 6:47 pm

 9. މަ ވޯޓާސް މަ ދޭނެއި އަންނި އަށް … އެންމެންގެ ވާހަކަސް އަޑައަހައި ކޭއި ބަލަފެއި … މަށް އެނގެނެއި އަންނި ނުންފެހޭ މިކަން ވޭނެ އެހެން މީހަކާ ނެތްކަން … މިކޯ ކުރިމަތިލީ މީހުންގެ ތެރެއިން މިކަން ޑިޒަރވް މީހަކާށް ހިށީ އަންނި އެކެނި …

  އަލީ ސައީދު

  Comment by Alee Saiid — September 19, 2008 @ 2:03 pm

 10. ސާބަސް އަންނި …. ޤައުމަށް ބޭނުންވަނީ ތިކަހަލަ އަގުހުރި ދަރިން….30 އަހަރު ވީއިރު މިއުޅޭ ވަހުދަތުގޮޅާ އަށް ވީކަމެއް ނެތް….

  Comment by golhabo — September 19, 2008 @ 4:02 pm

 11. ބޮޑުތަކުރުފާނައް ފަހު މިގައުމު ދުށް އެއްމު އަގުހުރި ދަރިއަކީ އަންނި އެވެ މާދަމާ އަހަރެމެންގެ ދަރިން ގާތު އަހަރެން ބުނާނަމެވެ މިއަދު އަހަރެމެންނަން މިނިވަން ކަމާއެކު ވާހަކަ ދަށްކާލާ އުޅެވެއެވެ ތަންތަނަށް އެއްވެ އުޅެލެވެއެވެ ކަންކަމާ ހިތްހަމަ ނުޖެހުނީމާ ވެރިންގެ ވާހަކަ ވެސް ދައްކާލެވެއެވެ ކުރިންސިއްރުން ނޫސް ނެރުނުނަސް މިހާރު ފާޅުގައި މިކަން ކުރެވެއެވެ ފުރަތަމަ ރޭޑިއޯ ޕޮރޮގްރާމެށް ފޮނުވުނީ އިގިރޭސިވިލާތު ގައި ފިލާތިބެއެވެ މިހާރު ގައުމުގެ ހުރިހާ ދިމާއެއްގައި ވެސް ރޭޑިއޯ ސުޓޭސަން ތަކެވެ ސިޔާސީޕާޓީ ވެސް ހެދިއްޖެއެވެ މިނިވަން އިންސާފު ވެރި އިންތިހާބެއް ބޭއްވުމަށް މަގުފަހި ވެއްޖެއެވެ ދިވެހިރާއްޖޭއްގެ ލޮބުވެތި ރަށްޔިތުންނޭ މިފަހަރު އަންނި ރައީސް އަކަށް ހޮވާދޭށެވެ އަހަރެމެންގެ ދަރިންނާއި އެދަރިންގެ މުސްތަގުބަލަށްޓަކައިއެވެ

  Comment by mohamedyoosuf — September 20, 2008 @ 5:40 am