Wathan Edhey Gothah – MDP » ޒުވާން ކިޔަވާ ކުދިންނާއި އެމް.ޑީ.ޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދު (އަންނި) ބައްދަލުކުރައްވައިފިއެވެ

August 8, 2008

ޒުވާން ކިޔަވާ ކުދިންނާއި އެމް.ޑީ.ޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދު (އަންނި) ބައްދަލުކުރައްވައިފިއެވެ


ހުކުރުދުވަހުގެ ރޭ މާފަންނު މަދަރުސާގައި އޮތް މިބައްދަލުވުމުގައި މުހައްމަދު ނަޝީދު ވިދާޅުވި ގޮތުގައި ރާއްޖޭގެ ޒުވާނުން ކިޔަވާކުދިންނަށް މިއަދު ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ ޖީސީއީ އޯލެވަލް ރަށުން ނިންމުމަށްފަހު އަލުން މާލެ އައިސް ހަމަ އެފެންވަރުގައި ކިޔެވުމަށް އިށީންނަން ޖެހުމެވެ. މިކުދިން ކިޔެވުމަށްޓަކައި އުޅޭ ހާލު އެމްޑީޕީއަށް އެނގޭކަމަށާއި އަދި އެމްޑީޕީގެ ވެރިކަމެއްގައި މިކުދިންނަށް ހިތްހަމަޖެހިގެން ތިބެ، ހާސްކަމެއް ނެތި، މެދުކެނޑުމެއް ނެތި އަދި އަލުން ކިޔެވުމަށް “ރިސިޓް” ކުރަން ނުޖެހޭ ގޮތެއް ހައްދަވާދެއްވާނެ ކަމުގައި ނަޝީދު ވިދާޅުވިއެވެ.

ރާއްޖޭގައި ޔުނިވާސިޓީއެއް ނެތްކަން ފާހަގަކުރައްވަމުން މިއީ ލަދުވެތިކަމެއް ކަމަށާއި ރައީސް މައުމޫނު 2005 ވަނަ އަހަރުއްސުރެ ޔުނިވާސިޓީ އެއް ހައްދަވާ ދެއްވާނެ ކަމުގައި ވިދާޅުވަމުން ދިޔަނަމަވެސް ކައިރި މުސްތަޤްބަލެއްގައި އެކަންތައްވާނެ ގޮތެއް ނެތްކަމުގައި ނަޝީދު ހާމަކުރެއްވިއެވެ. ޔުނިވާސިޓީއަކަށް ބޭނުންވާނެ ފެންވަރުގެ ލެކްޗަރަރ އިން ޔުނިވާސިޓީއަކަށް ބޭނުންވާނެ އަދަދަށް ރާއްޖޭގައި ނެތްކަންވެސް އެބޭފުޅާ ފާހަގަކުރެއްވިއެވެ. އަދި ޔުނިވާސިޓީއަކަށް ބޭނުންވާ ވަރަށް ފޮތް ރާއްޖޭގައި ލިޔެވިފައި ނެތްކަމާއި އެކަންތައް ނުވެފައި އޮތީ ރާއްޖޭގައި ޒަމާނުއްސުރެ އޮތް ސަރުކާރުތަކުން ފޮތް ކިޔުމާއި ފޮތް ލިޔުން މަނާކޮށްފައި އޮތް އޮތުމުންކަމުގައިވެސް ނަޝީދު ވިދާޅުވިއެވެ. މިރާއްޖޭގައި ޔުނިވާސިޓީއެއް ގާއިމްކުރުމަށް ދިގު މުއްދަތެއް ނަގާނެކަން ހާމަކުރައްވަމުން ނަޝީދު ވަނީ އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ ރައީސް ހަސަން އަފީފް “މިރާއްޖޭގައި ޔުނިވާސިޓީއެއް ފުރަތަމަ ގާއިމްކުރާނީ އެމްޑީޕީގެ ވެރިކަމެއްގައިކަމަށް” ވިދާޅުވި ވިދާޅުވުން ތަކުރާރު ކުރައްވާފައެވެ.

މިއީ ރާއްޖޭގެ ސިޔާސީ ޕާޓީއަކުން އަދި ޕާޓީއެއްގެ ކެންޑިޑޭޓެއް ޒުވާން ކިޔަވާކުދިންނަށް ޚާއްސަކޮށްގެން ފުރަތަމަ ބޭއްވި ބައްދަލުވުމެވެ. އޮލިމްޕިކް ކުޅިވަރުތައް ފެށުމުގެ ރަސްމިއްޔާތާއި 8.8.8 ވަނަ ދުވަހު ބޭއްވެމުންދާ ޕާޓީތަކާއި މި ބައްދަލުވުން ދިމާވިނަމަވެސް ބައްދަލުވުމަށް ލިބުނު ތަރުހީބު ރަގަޅުކަމުގައި އެމްޑީޕީގެ ޔޫތު ކެމްޕޭން ގްރޫޕުން ފާހަގަކުރެއެވެ.

އެމްޑީޕީން ދިވެހި ރައްޔިތުންނަށް ގެނެސްދޭނެ އަނެއް ދިވެހި ރާއްޖެއަށް ދިޔުމަށްޓަކައި މިހާރުގެ ވިސްނުން ހުރި ފްރޭމްގެ ބޭރަށް ވިސްނުމަށް ކެންޑިޑޭޓްވަނީ ޒުވާނުންނަށް ގޮވާލައްވާފައެވެ. އަނެއް ދިވެހި ރާއްޖޭގައި ޒުވާނުންނަށް ފުރާވަރުގައި ކިޔެވުން ހުއްޓާލުމަށްފަހު ވަޒީފާއަށް ވަންނަން ނުޖެހޭނެ ކަމަށާއި ފޯރުންތެރިކަމެއް ނެތި ކައިވެނިކުރާން ނުޖެހޭނެކަމަށާއި ޒުވާނުންނަށް ތިމާއަކީ ކާކުކަން އެނގޭން ބޭނުންވާ ވަގުތު ލިބިގެން ދިރިއުޅުން ބިނާކުރުމުގެ ފުރުސަތު އޮންނާނެކަމުގައިވެސް ނަޝީދު ފާހަގަކުރެއްވިއެވެ.
މި ބައްދަލުވުމުގައި ކެންޑިޑޭޓްގެ ވާހަކަފުޅަށްފަހު ޒުވާނުންނަށް ސުވާލުކުރުމުގެ ފުރުސަތު ހުޅުވާލެއްވިއެވެ. އަދި ޒުވާނުންނަށް އެމްޑީޕީގެ ސަރުކާރެއްގައި ކޮށްދޭނެކަންތައްތައް އިތުރަށް ހާމަކުރެއްވިއެވެ. މިގޮތުން ޒުވާނުންނަށް އަލަށް ވިޔަފާރިތައް ފެށުމުގެ މަގުފަހިކޮށްދެއްވާނެކަމަށާއި އަދި އެފަދަ ފަރާތްތަކަށް ދިގުމުއްދަތުން އަދާކުރެވޭ ގޮތަށް ލޯނުދެއްވާނެކަން ހާމަކުރެއްވިއެވެ. އަދި ހަޔާ ސެކެންޑްރީ ނިންމާ ޔުނިވާސިޓީތަކަށް ވަދެވޭ ފެންވަރަށް ފާސްވަމުންދާ ކުދިންނަށް ސްކޮލާޝިޕްތައް މިހާރު ލިބޭ މިންވަރަށްވުރެ އެތައް ގުނައެއް އިތުރުކޮށްދެއްވާނެކަމަށްވެސް ވިދާޅުވިއެވެ. ސްކޫލަތައް ނިންމާ ވަޒީފާތަކަށް ވަންނަން ބޭނުންވާ ކުދިންނަށް ވޮކޭޝަނަލް ތަމްރީންތަކުގެ ދޮރުތައް ހުޅުވާލައްވާނެކަމަށްވެސް ހާމަކުރެއްވިއެވެ. އަދި މިއީ ރާއްޖޭގައި މިހާރު ގިނަވަމުންދާ ބިދޭސީ މަސައްކަތްތެރިންގެ އަދަދު މަދު ކުރެވޭނެ ގޮތެއްކަމަށްވެސް ވިދާޅުވިއެވެ. މީގެ އިތުރަށް ޒުވާނުންނަކީ ފޮތާ ހިތާވާ ބަޔަކަށްވުމަށް ނަޝީދު ގޮވާލެއްވިއެވެ.

ސުވާލުކުރުމުގެ ބައި ނިމުމަށްފަހު ޒުވާނުންނާއި ވަކި ވަކިން ބައްދަލުކޮށް އެކުދިންނަށް ދިމާވާ މައްސަލަތަކާއި މެދު ކެންޑިޑޭޓް ނަޝީދާއި ހިޔާލުބަދަލުކުރުން އޮތެވެ.