Wathan Edhey Gothah – MDP » އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓްގެ ރަނިންމޭޓަކަށް ގައުމީ އިއްތިހާދުގެ ޑރ ވަހީދު ކަނޑައަޅުއްވައިފި

September 17, 2008

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓްގެ ރަނިންމޭޓަކަށް ގައުމީ އިއްތިހާދުގެ ޑރ ވަހީދު ކަނޑައަޅުއްވައިފި

އެމްޑީޕީ އާއި ގައުމީ އިއްތިހާދާއި ދެމެދު ވެވުނު އެއްބަސްވުމެއްގެ ދަށުން ދެޕާޓީން އިއްތިހާދުވެ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދު (އަންނި)ގެ ރަނިންމޭޓަކަށް ގައުމީ އިއްތިހާދު ޕާޓީގެ ޗެއާޕާސަން ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ކަޑައަޅުއްވައިފިއެވެ.

އެމްޑީޕީގެ ހަރުގޭގައި މިއަދު އޮތް ހަފްލާއެއްގައި މިއެއްބަސްވުމުގައި ދެޕާޓީގެ ފަރާތުން ސޮއިކުރެއްވި އެވެ. އެމްޑީޕީގެ ފަރާތުން ސޮއިކުރެއްވީ ޕާޓީގެ ވަގުތީ ރައީސް އަދި ނައިބުރައީސް އިބްރާހިމް ހުސައިން ޒަކީއެވެ. ގައުމީ އިއްތިހާދުގެ ފަރާތުން ސޮއިކުރެއްވީ ޑރ. ވަހީދެވެ.

މިއެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ޒަކީ ދެއްކިވި ވާހަކަފުޅުގައި މިއިއްތިހާދު މިވާ ދުވަހަކީ ތާރީހީ ގޮތުންނާއި ދީނީ ގޮތުންވެސް ވަރަށް ޚާއްސަ އަދި މިކަމަށް މުނާސަބު ދުވަހެއް ކަމުގައި ވިދާޅުވިއެވެ. މިދެޕާޓީން މިގުޅުނީ އެކުގައި މަސައްކަތްކޮށް ކުރިޔަށް އޮތް ފަސްއަހަރު ދިވެހިރާއްޖޭގެ ވެރިކަން ދެޕާޓީ ގުޅިގެން ހިންގުމަށްޓަކައި ޒަކީ ވިދާޅުވިއެވެ. އަދި މިގުޅުމުގެ ނަމަކީ އެމްޑީޕީ އިއްތިހާދުކަމުގައި ޒަކީ ހާމަކުރެއްވިއެވެ.

އެއްބަސްވުމަށްފަހު ޑރ. ވަހީދު ދެއްކެވި ވާހަކަފުޅުގައި ދިވެހިރާއްޖޭގައި އިސްލާހަށް މަސައްކަތްކުރެއްވި އެންމެހާ ޕާޓީތަކާއި ބޭފުޅުންވެސް މިއިއްތިހާދާއި ގުޅިގެން މިއަހަރުގެ އިންތިހާބު ކާމިޔާބުކުރެއްވުމަށް ގޮވާލެއްވިއެވެ. އަދި އެބޭފުޅާގެ ޕާޓީއަށް އިއްތިހާދުކީ ސަބަބަކީވެސް އިސްލާހަށް މަސައްކަތްކުރާ ހުރިހާ ފަރާތްތަކެއް ގުޅިގެން މަސައްކަތްކުރައްވަން ބޭނުންފުޅުވާތީކަމުގައި ވިދާޅުވިއެވެ. ރާއްޖޭގެ ވަރަށް ގިނަ ސިޔާސީ ޕާޓީތަކުން އެބޭފުޅުންނާއި ގައުމީ އިއްތިހާދާއި ގުޅުމަށް ވިދާޅުވަމުން ގެންދެވިކަމަށާއި ނަމަވެސް އެމްޑީޕީއާއި ގުޅެން ނިންމެވީ އެޕާޓީގެ ހިންގާ ކޮމިޓީއާއި މެމްބަރުންވެސް އެގޮތަށް ބޭނުންވެލައްވާތީކަމުގައި ވިދާޅުވިއެވެ. ވަހީދު އިތުރަށް ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ އެބޭފުޅާގެ ޕާޓީއަށް މެމްބަރުން ހޯއްދެވުމަށް ރާއްޖޭގެ ކަންކޮޅުތަކަށް ޒިޔާރަތްކުރަމުން ދިޔައިރު ފެނުނީ ރާއްޖޭގެ ގިނަ ބަޔަކު އެމްޑީޕީއަށް ތާއިދުކުރަމުން ދާތަންކަމަށާއި މިއަހަރުގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީއާއި އެކު ކާމިޔާބު ވާނެކަމުގެ 100 ޕަސެންޓް ޔަގީންކަމުގައިވެސް ވަހީދު ވިދާޅުވިއެވެ. އަދި ދިވެހި ރާއްޖެއަށް އައިސްފައި މިވާ ހުރިހާ އިސްލާހަކީ ދިވެހި ރައްޔިތުން އެމްޑީޕީއާއި އެކުގައި ވުމުން އައިސްފައިވާ އިސްލާހުކަމުގައި ވިދާޅުވެ ވަހީދު އެމްޑީޕީއަށް ތައުރީފް ކުރެއްވިއެވެ.

މިހާއްސަ ހަފްލާގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ނަޝީދު ވިދާޅުވީ ދިވެހިރާއްޖޭގައި މަސައްކަތްކުރެވެމުން މިދަނީ ގިނަ ޕާޓީ އެކުލެވޭ ސިޔާސީ މާހައުލެއް ބިނާކުރުމަށްޓަކައި ކަމަށާއި 1990 ވަނަ އަހަރުއްފެށިގެން ޑރ. ވަހީދާއި ޑރ. މުހައްމަދު ލަތީފާއި އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ ރައީސް ހަސަން އަފީފް އެމަސައްކަތް ފައްޓަވާފައިވާކަމުގައެވެ. އެމްޑީޕީން ފަށާފައިވާ އިސްލާހުގެ ދަތުރުގައި ކަނޑުގަދަ ދަތި ދުވަސްތައް އައިކަމަށާއި ނަމަވެސް މިއަދަކީ އުފާވެރި ދުވަހެއްކަމުގައި ނަޝީދު ވިދާޅުވިއެވެ. “އަޅުގަނޑުގެ ސިޔާސީ ހަޔާތުގައި މިއަށްވުރެ އުފާވެރި ދުވަހެއް އަދި ނާދޭ” ނަޝީދު ވިދާޅުވިއެވެ. އަދި ކިތައްމެ ދަތިވިޔަސް އެމްޑީޕީގެ އަޒުމަށް ގުޑުމެއް ނާންނާނެކަމުގައި ނަޝީދު ވިދާޅުވިއެވެ. ޑރ. ވަހީދަކީ ނަޝީދަށް ސިޔާސީ ގޮތުން ހެޔޮ ނަސޭހަތާއި ލަފާ ދެއްވުމުގައި އެންމެ ކުރީގައި ހުންނެވި އެއްބޭފުޅާކަމުގައި ނަޝީދު ހާމަކުރެއްވިއެވެ. އަދި މިރާއްޖޭގެ އިންތިހާބުތަކާއި ގުޅޭ އެންމެ ބޮޑު ތަޖުރިބާއެއް ލިބިލައްވާފައިވާ އެއްބޭފުޅަކީ ވަހީދުކަމުގައި ނަޝީދު ވިދާޅުވިއެވެ. ޑރ. ވަހީދަކީ ފިލި ވަހީދޭ ކިޔާކަމަށް ނޫސްވެރިޔަކު ވިދާޅުވުމުން ވޭތިވެދިޔަ 30 އަހަރުގެ އަނިޔާވެރިކަމުން ފިލަން މަސައްކަތް ނުކުރައްވަނީ ކޮންބޭފުޅެއް ތޯ ނަޝީދު ސުވާލުކުރެއްވިއެވެ. އަދި ހުރިހާ ބިހެއް އެއް ބާސްކެޓެއްގައި ހުރެއްޖެނަމަ ހުރިހާ ބިހެއް އެއްފަހަރާ ތެޅުމުގެ ބިރު އޮންނަކަމުގައި ނަޝީދު މިސާލު ޖެއްސެވިއެވެ.

މިއަދުގެ ރަސްމިއްޔާތުގައި ނަޝީދުވަނީ ޑރ. ހަސަން ސައީދަށް އެކަނި އިންތިހާބުގައި ވާދަނުކުރައްވާ އެމްޑީޕީ އިއްތިހާދާއި ގުޅިވަޑައިގަތުމަށް އެދުނެވެ. އަދި ސޯޝަލް ލިބަރަލް ޕާޓީގެ ކެންޑިޑޭޓް އިބްރާހިމް އިސްމާއިލުވެސް އެބޭފުޅުންނާއި އިސްލާހުވުމަށް ގޮވާލެއްވިއެވެ.
މީގެ އިތުރުން މުހައްމަދު ނަޝީދުގެ މައްޗަށް ކުރެވިފައިވާ ހުކުމަކީ އިސްލާމްދީނުގައި ހައްދުކަނޑައެޅިފައިވާ ހައްދެއްގެ މައްޗަށް ކުރެވިފައިވާ ހުކުމެއް ނޫންކަމަށް ޖިނާއީ ކޯޓުން ލިޔުމެއް ދީފައިވާކަންވެސް ނަޝީދު ފާހަގަކުރެއްވިއެވެ.

10 Comments

  1. ސާބަހޭ … ތި ޖެހީ ކާލާ މަންނަ……ވައިކަރަދޫ ރަޝިޔާ އިރުފާހު

    Comment by Anonymous — September 17, 2008 @ 7:39 pm

  2. އަންނިގެ ތި ނިންމެވުމަކީ ވަރަށް ފުރިހަމަ ނިންމެވުމެއް. ރާއްޖެއާއި މުޅި ދުނިޔޭގެ ސިޔާސީ ހަލަބޮލި ކަނޑުތަކުގައި އަތްފުނާ އަޅުއްވާފައިވާ ބޭފުޅެއް ރަނިންމޭޓަކަށް ނެންގެވި ނެންގެވުމަށް މަރުހަބާ ދަންނަވަން. ދެންއޮތީ ވަހީދުގެ ހިތްވަރެއް. “ފިލި ވަހީދު” ގެ ލަގަބު ލިބުނީ ސަބަބުތަކެއް ނެތިއެއްނޫން. ހަގީގަތް ގަބޫލުކުރަންޖެހޭ. ދުނިޔެއަކީ ކާމިޔާބާ ނާކާމިޔާބު އިމްތިހާނުކުރެވޭތަނެއްކަން ވަހީދަށް އަޅުގަނޑު ކިޔައިދިނުމަކީ މޮޔަކަމެއްކަމުގައި ނޫނީ ނުވާނެ. ނަމަވެސް އާދޭހާއެކު ދަންނަވަން. މިފަހަރު އެހެން ނަހަށްދަވާތި. މީ އަޅުގަނޑުމެންނަށް ލިބޭނެ އެންމެ ފަހުފުރުސަތު. މީއީ އަހަރެމެންގެ ފަހަރުކަމުގައި ހައްދަވާދެއްވާ. އަންނިގެ ތި ވިސްނުންތެރި، ހިކުމަތްތެރި ފިޔަވަޅަށް ސާބަސް.

    Comment by rilwan — September 17, 2008 @ 10:22 pm

  3. ގުލްޒާރުގާ ނަޔާމަގޭ ނޫރާނީމާ ފޮޅޭވަސްދުވައިފިޔޭ ބުލްބުލް ތަކާ ކޮކާތަކާ ގުލްޒާރުގާ އުޅޭތަން ދުށީމޭ

    Comment by rameez ranbbe — September 17, 2008 @ 10:49 pm

  4. ކާލާ މަންނަ އަދި ކިރިޔާ ދޯ ތިޖެހީ. ކާލާ މަންނަގެ ސަބަބުން މައުމޫނު ޖެހިލުން ވާނެ.

    Comment by Ashraf — September 17, 2008 @ 10:58 pm

  5. ސާބަހޭ! އަދިކިރިޔާ ތި ޕާރޓީގެ ގުނަވަންތަށް އޭގެ އެންމެ ފުރިހަމަ ގޮތުގައި ހިގައިގަތީ. ރަނިނަމޭޓަކަށް ތިޔަ ހޮއްވެވި ބޭފުޅަކީ މިވަގުތު ރާއްޖޭގައިވެސް ނެގެންހުރި އެންމެ ޤާބިލު ބޭފުޅާކަން ހަމަ ޔަޤީން.
    ކުރިއައްއޮތް 3 ހަފްތާއަކީ ވަރަށް މުހިންމު ދުވަސްވަރެއް. ތިޔަ ގެންދަވާ އަޒުމާއި ހިތްވަރާއެކީ، ކުރިއަށް ގެންދެވިއްޖެނަމަ މި އިންތިޚާބު ކާމިޔާބުވާނޭކަން ﷲ އިރާދަކުރެއްވިއްޔާ ހަމަ ޔަޤީން.

    ޕާޓީގެ ކުރިއެރުމާއި ކާމިޔާބަށް އެދޭ މެމްބަރެއް

    Comment by Ali — September 18, 2008 @ 1:53 am

  6. އަންނި – ޑރ.ވަހީދު : ދެމީހުންނަކީ ދިވެހިރާއްޖެއަށް ޑިމޮކްރަސީ ގެނައުމަށް ކުރި ދިގު ދަތުރުގެ އެންމެ ވަރުގަދަ 2 ރަމްޒެވެ، އެ ދަތުރުގެ ހިތިކަމާއި، އަނިޔާވެރިކަމުގެ ބޮޑުކަމާއި، ބަހައްޓަން ޖެހޭނެ ކެއްތެރިކަން ރަމްޒުކޮއްދޭ ދެމީހުންނެވެ. އެއީ މިހާރުގެ ކުދިންނަށް ނޭގުނަސް ތާރީހުން ފޮހެވިގެން ނުދާނެ ވާހަކައެކެވެ. ފިލި ވަހީދޭ ކިޔާއިރު ހަފްތާ ނޫސް ސަންގު ނެރުމަށްފަހު ކޮންމެ ހަފްތާއަކު އަންނި ރާއްޖެ ދޫކޮއްފަ ދުރުވަންޖެހޭކަން ނޭގެނީތޯއެވެ. އަންނި ވިދާޅުވިހެން މިރާއްޖޭގައި ނުފިލަނީ ކާކުތޯއެވެ. ޑިމޮކްރަސީއަށްޓަކައި ދިވެހިން ތަހައްމަލު ކުރީ ވަރަށް ބޮޑު އަނިޔާވެރިކަމެވެ. މިއަދު މައުމޫނު ބުނަނީ ދިވެހިން ތިބީ އެކަމަށް ތައްޔާރުވެފައި ނޫންކަމަށެވެ. 1990 ގެ ސަންގު ނޫހުގައި ލޯކަލް ގަވަރނަންސްގެ ދަށުން ކަތީބުންނާއި އަތޮޅުވެރިން އިންތިހާބުކުރާ ވާހަކަ ލިޔެފައިވާއިރުވެސް މައުމޫނު ބުނީ އަދި ރައްޔިތުން ތައްޔާރެއް ނޫންކަމަށެވެ. ވަޒީރުންނާއި ސުވާލުކުރުމުގެ ބިލެއް ރައްޔިތުންގެ މަޖިލީހައް މަޖިލީހުގެ މެންބަރެއްގެ ގޮތުން އަންނި ހުށައެޅި އިރުވެސް މައުމޫނު ބުނީ ރައްޔިތުން ތައްޔާރެއް ނުވެއެވެ. އިންސާނީ ހައްގުތަކާއި ބެހޭ ބިލެއް ޑރ.ވަހީދު މަޖިލީހައް ހުށައެޅި އިރުވެސް މައުމޫނު ބުނީ ރައްޔިތުން ތައްޔާރެއް ނުވެއެވެ. ރައްޔިތުންގެ ބޮލުގައި މިބޮޑު އިލްޒާމް އަޅުވާފައި ރައްޔިތުންގެ ނަމުގައި ޑިމޮކްރަސީއަށް މަސައްކަތް ކުރި އެންމެނަށް ބޮޑެތި އަނިޔާތައް ދިނީއެވެ. ރައްޔިތުނައް މައުމޫނު މިވަނީ ކިހާބޮޑު ހިޔާނާތެއް ވެފައިތޯއެވެ. މިފަހުގެ ޒުވާނުންނަށް އަންނިގެ ހިތްވަރާ އަޒުމް އިގޭނެއެވެ. އަދި ދުވަސްވީ ހަރުމީހުންނަށް ޑރ.ވަހީދުގެ ބުރަމަސައްކަތާއި، ތަޖުރިބާއާއި، ހިތްތިރިކަން ދަންނާނެވެ.

    Comment by އަހުމަދު — September 18, 2008 @ 5:26 am

  7. އަންނިއާއި ޑރ.ވަހީދު – ތަންކޮޅެއް ބޮޑަށް މައުމޫނުގެ ސިޔާސަތުތަކަށް ގޮންޖަހަން ވެއްޖެއެވެ. ޑިފެންސިވްނުވެ އޮފެންސިވް ވާންވެއްޖެއެވެ. އަދި ތަސްމީނާއި މައުމޫންގެ 30 އަހަރުގެ ހަގީގީ ޓްރެކް ރިކޯޑް ހާމަކުރަން ވެއްޖެއެވެ. 30 އަހަރުގެ 90% ގައި ރައްޔިތުންނަށް ސިޔާސީ، މަދަނީ، އަދި އިޖްތިމާއީ ހައްޤުތަކުން މަހުރޫމް ކުރުވާފައިތިބިކަމެވެ. އަދި އެހައްޤުތައް ހޯދައިދޭން އުޅުނު ބަޔަކަށް ވެސް އެތައް އަނިޔާއެއް ދިންކަމެވެ. މިއީ މައުމޫނުގެ ޓްރެކް ރިކޯޑެވެ. މަކަން އޮޅުވަން މައުމޫނު މިހާރު ކުރަމުންދާ މަސައްކަތް ހުއްޓުވަން ވެއްޖެއެވެ.

    Comment by Anonymous — September 18, 2008 @ 6:17 am

  8. ފައްކާ މައުމޫނައް ޖޯކުޖަހާފަ ހަމައެއުސޫލުތައް ފާޑުކިޔާފަ ހިޔާލު ފޮނުވީމަ ޕޯސްޓުކުރާކައް ނުކެރޭ. ރަގަޅުވޭއެބަ.

    Comment by me — September 20, 2008 @ 12:59 am

  9. އަމިއްލަ ފެންވަރު އިނގެން ފެށީދޯ..

    Comment by ahmed — September 20, 2008 @ 9:58 am

  10. މަރުހަބާ! %49 ހޯއްދެވުމަކީ މިއިންތިހާބު އެމް.ޑީ.ޕީއަށް ކާމިޔާބުކުރެވޭނެކަން އަންގައިދޭ ކަމެއް. ދިވެހިރައްޔިތުން މިއަދު އުމަރު ނަސީރުމެންކަހަލަ މީހުން ސިޔާސީ ބިރުވެރިކަމެއްގަ އެމް.ޑީ.ޕީއާ ދިމާލަށް އެގޮވަމުންގެންދާ އެއްޗެހި ގަބޫލުނުކުރާކަން އަންގައިދޭ ފުރިހަމަ ހެއްކެއް. ކޮންމެއަކަސް އަޅުގަނޑުމެން އަދި ގަޅިއުކަންޖެހޭވަރުގެ މޭވާއަޅާގަހެއްނޫން އެއީކީ. އެމް.ޑީ.ޕީން ރައްޔިތުންނަށް މިދުވަސް ދައްކައިދިން ފަދައިން އަނެއްދިވެހިރާއްޖެވެސް ދައްކައިދޭނެކަމުގެ އެއްވެސް ޝައްކެއް ދިވެހިރައްޔިތުންނެއް މިއަދުނުކުރޭ.

    Comment by Anonymous — September 20, 2008 @ 1:24 pm