އެއްއަހަރު ތެރޭގައި އެމްޑީޕީގެ ސަރުކާރަކުން ވަގުތީ ހިޔާތަކުގައި ދިރިއުޅޭ ފަސްހާސް މީހުންނަށް ދާއިމީ ބޯހިޔާވަހިކަން ދެއްވާނަން – ކެންޑިޑޭޓް ނަޝީދު
ސުނާމީގައި ގެދޮރު ގެއްލި ވަގުތީ ހިޔާތަކުގައި ދިރިއުޅެމުންދާ ފަސްހާހަށްވުރެ ގިނަ މީހުންނަށް އެމްޑީޕީގެ ސަރުކާރަކުން އެއްއަހަރުތެރޭގައި އިންސާނުން ދިރިއުޅޭން ކަމުދާ ފެންވަރުގެ ދާއިމީ ބޯހިޔާވަހިކަން ހޯއްދަވައިދެއްވާނެކަމުގައި އެޕާޓީގެ ރިޔާސީ ކެންޑިޑޭޓް ވަޢުދުވެވަޑައިގެންފިއެވެ.
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދު (އަންނި) މިހެން ވިދާޅުވީ އެބޭފުޅާގެ ރިޔާސީ ފަސް ވަޢުދުގެ ތެރެއިން އަތްފޯރާ ފަށުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ވަޢުދު ނޫސްވެރިންނަށް ތަފްސީލުކޮށްދިނުމަށް އަންގާރަ ދުވަހު ބޭއްވި ބައްދަލުވުމެއްގައެވެ.
އެމްޑީޕީގެ ހަރުގޭގައި ބޭއްވި މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ނަޝީދު ހާމަކުރެއްވި ގޮތުގައި ސުނާމީގައި ގެދޮރު ގެއްލުނު 8327 އާއްމު ރައްޔިތުންގެ ތެރެއިން އަދިވެސް ދާއިމީ ގެދޮރު ނުލިބި 5071 މީހުން ވަގުތީ ހިޔާގައި ދިރިއުޅެމުން އެބަދެއެވެ. އަދި މިރައްޔިތުން މިހާލުގައި ދިރިއުޅެމުން ގެންދަނިކޮށް ކުރިމަތިވާ ހަތަރުވަނަ ރޯދަމަސް މިހާރު ކުރިމަތިވަމުންދާކަމުގައިވެސް އެބޭފުޅާ ފާހަގަކުރެއްވިއެވެ.
މީގެ އިތުރަށް އަދުގެ ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުތަކުގެ ސަބަބުން ރައްޔިތުންނަށް ކުރިމަތިވެފައިވާ މައްސަލަތައް ނަޝީދު ހާމަކުރެއްވިއެވެ. މިގޮތުން މާލެ ތޮއްޖެހުމުގެ މައްސަލަ ސާފުކޮށްދެއްވަމުން ނަޝީދު ހާމަކުރެއްވި ގޮތުގައި މާލޭގައި ދިރުއުޅޭ ކޮންމެ ފަސް އާއިލާއަކުން އެއްއާއިލާގެ ދިރިއުޅުމުގެ ޒަރޫރީ ބޭނުންތައް ފުއްދަމުންދަނީ ކޮޓަރިއެއްގެ ތެރޭގައެވެ. ކަންތައް މިހެން އޮތް ނަމަވެސް މާލޭގައި ތޮއްޖެހުން ކުޑަކުރުމަށް ހިއްކި ހުޅުމާލޭގެ ބޮޑު ބައި އަދިވެސް ފަޅަށް އޮތްކަން ނަޝީދު ފާހަގަކުރެއްވިއެވެ.
ރައްޔިތުންނަށް ގެދޮރު ގަތުމާއި ގެދޮރު ބިނާކުރުމަށް އެކަށީގެންވާ ލޯނު އުސޫލެއް ނެތްކަމާއި ލޯނުދޫކުރުމަށް އެޗްޑީއެފްސީ ގެ ނަމުގައި މުއައްސަސާއެއް ކަނޑައަޅާފައި އޮތް ނަމަވެސް މިއިދާރާއަށް ބޭނުންވާ މާލީ އެހީތެރިކަމާއި އިންތިޒާމެއް ރޭވިފައި ނެތްކަންވެސް ނަޝީދު ފާހަގަކުރެއްވިއެވެ. އަދި ބިން ބިމާއި ގޯތިގެދޮރު ގަނެ ވިއްކުމުގެ ބާޒާރެއް ނެތްކަމާއި ބިން ބޭނުންކުރުމުގެ ޕްލޭނެއް ނެތްކަންވެސް ނަޝީދު ފާހަގަކުރެއްވިއެވެ.
މިކަންތައް މިހެން ހުރުމުން އެމްޑީޕީގެ ސަރުކާރަކުން ބޯހިޔާވަހިކަން ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ އަމާޒަކަށްވާނީ އިންސާނުން ދިރިއުޅޭ ފެންވަރަށް އަތްފޯރާފަށުގައި ކޮންމެ އާއިލާއަކަށް ހިޔާވަހިކަން ފޯރުކޮށްދިނުންކަމުގައި ނަޝީދު ވިދާޅުވިއެވެ. މީގެ އިތުރަށް ގޯތިގެދޮރު ބިނާކުރަން ބޭނުންވާ ތަކެތިވެސް އަތްފޯރާ ފަށުގައި އަތްފޯރާ ހިސާބުގައި ރައްޔިތުންނަށް ލިބޭނެ ގޮތް ހައްދަވާދެއްވާނެ ކަމުގައިވެސް ވިދާޅުވިއެވެ. ގޯތި އެޅުމަށްޓަކައި އެޗްޑީއެފްސީއިން އަބަދުވެސް ލުއި ލޯނު ލިބޭނެގޮތް ހައްދަވާދެއްވާނެކަމަށްވެސް ނަޝީދު ވިދާޅުވިއެވެ. ބިން ބޭނުންކުރުމުގެ ޕްލޭނެއް ރައްޔިތުންނާއި ގުޅިގެން އެކުލަވާލައްވާނެކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.
މީކީ އެއްގޮތަކަށްވެސ ނުކުރެވޭނެ ކަމެއްނޫނެވެ. ހަޤީގަތަކީ ވަރަށް ސާފު ސާބިތު އެއްޗެކެވެ. އަންނި މިއިންތިޙާބު ކާމިޔާބުކުރުމީ ނުވެ ނުދާނެ ކަމެކެވެ. ޤާސިމުގެ ވިޔަފާރި ޕާޓީ އަކަށް، މައުމޫނުގެ 30 އަހަރުގެ ވެރި ކަމަކަށް، އަދި ޑރ ހަސަނުގެ ރަންތާޖުފަހަތުން ދުވާ ބައިގަނޑަކަށް މިމަޤާމު ހައްޤެއްނޫނެވެ.
Comment by Anonymous — August 13, 2008 @ 12:12 am