Wathan Edhey Gothah – MDP » ރަނިންމޭޓް ޑރ ވަހީދާއިއެކު ކުރެއްވި ފުރަތަމަ ދަތުރުފުޅަށްފަހު ކެންޑިޑޭޓް ނަޝީދު މާލެވަޑައިގެންފި

September 22, 2008

ރަނިންމޭޓް ޑރ ވަހީދާއިއެކު ކުރެއްވި ފުރަތަމަ ދަތުރުފުޅަށްފަހު ކެންޑިޑޭޓް ނަޝީދު މާލެވަޑައިގެންފި

އެމްޑީޕީ އިއްތިހާދުގެ ފަރާތުން ހައްދުންމަތީގެ ރަށްތަކަށް ކުރެއްވި ކެމްޕޭން ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު މާލެވަޑައިގެންފިއެވެ. އެމްޑީޕީ އިއްތިހާދުގެ މިދަތުރުފުޅު ނިންމާލުމަށްފަހު މާލެ ވަޑައިގަތީ މެންދުރު ކުރީގެ ވަގުތެއްގައެވެ.

އެމްޑީޕީ އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދު (އަންނި) އާއި ރަނިން މޭޓް ޑރ. ވަހީދު ހަސަން މަނިކު ހައްދުންމައްޗަށް ފެށި މިދަތުރުފުޅު ފައްޓަވާފައިވަނީ މިދިޔަ ހޮނިހިރު ދުވަހުގެ ހެދުނުގައެވެ. އެގޮތުން އަތޮޅުގެ ހުރިހާ ރަށްތަކަށް ޒިޔާރަތްކޮށްފައިވާއިރު، ކޮންމެ ރަށެއްގެ ރައްޔިތުންނާ ބައްދަލުކުރުމުގެ އިތުރުން ރައްޔިތުންގެ ސުވާލުތަކަށް ޖަވާބު ދިނުންވެސް ބާއްވާފައިވެއެވެ.

މިދަތުރުފުޅުގައި ކެންޑިޑޭޓް ނަޝީދު ވަނީ ކުދި އާބާދީތައް ދިރިއުޅޭ ރަށްތަކަށް ސަރުކާރުގެ އަޅާލުން އިތުރުކުރަންޖެހޭކަމަށް ވިދާޅުވެފައެވެ. އަދި ރާއްޖޭގެ ރައްޔިތުންނަކީ ހަމަހަމަ ބަޔަކަށްވީ ހިނދު ހިދުމަތްތަކުގެ އަގުތައް ރައްޔިތުންގެ މެދުގައި ހަމަހަމަ އުސޫލަކުން ގެންގުޅުއްވާނެކަމުގައި ނަޝީދު ހާމަކުރައްވާފައިވެއެވެ. މީގެ އިތުރުން ބައެއް ކެންޑިޑޭޓުން މަސައްކަތްކުރައްވަމުންދަނީ އިދިކޮޅު ފަރާތްތަކުގެ ވޯޓު ބައިބައި ކުރަންކަމަށާއި އެކަމާއި މެދު ސަމާލުވުމަށް ރައްޔިތުންނަށް ގޮވާލެއްވިއެވެ. އަދި ކެމްޕޭނުގައި އެއްވެސް ބަޔަކާ ޒުވާބުކޮށް ދެބަސްނުވުމަށާއި ދެކޮޅު ފަރާތްތައް ދެކެވެސް ލޯބިވާންވީ ކަމުގައިވެސް ނަޝީދު ވިދާޅުވެފައިވެއެވެ. އަދި ނަޝީދުވަނީ އެމްޑީޕީ އިއްތިހާދުގެ ސިޔާސަތުތައްވެސް ރައްޔިތުންނަށް ކިޔައިދެއްވާފައެވެ.

އެމްޑީޕީ އިއްތިހާދުގެ ރަނިންމޭޓްގެ ގޮތުގައި ޑރ ވަހީދު ކުރެއްވި ފުރަތަމަ ދަތުރުފުޅުގައި ޑރ. ވަހީދުވަނީ ރައްޔިތުންގެ ކުރިމަތީގައި އޮތް ދެގޮތުން ކުރެ ރައްޔިތުންނަށް އޭގެ އެންމެ ފައިދާ ހުރިގޮތް ޚިޔާރު ކުރުމަށްޓަކައި ބަދަލަކަށް ވޯޓު ދިނުމަށް އިލްތިމާސްކުރައްވާފައެވެ. “ދިވެހިރާއްޖޭގައި ޑިމޮކްރަސީ ގާއިމު ކުރެވޭނީ ޑިމޮކްރަސީ ދަންނަބަޔަކަށް. މިފަހަރު އެކަން ބަދަލުނުކޮށްފިއްޔާ އަނެއްކާވެސް ނުއަތު ބުރެއް އަޅާނެ. އަދި ދެން މިފަދަ ފުރުސަތެއް ނުލިބޭނެ. މިއީ މަޖަލަކަށް ނުވަތަ ވޯޓު ހޯދާކަށް ދައްކާ ވާހަކަތަކެއް ނޫން.” ޑރ. ވަހިދު ވިދާޅުވެފައިވެއެވެ. އަދި އެމްޑީޕީ އިއްތިހާދަކީވެސް ރައްޔިތުން ބޭނުންވާ ކަންތައް ކޮށްދިނުމުގެ އިލްމާއި ތަޖުރިބާ ހޯއްދަވާފައިވާ ބޭފުޅުން ތިއްބެވި އިއްތިހާދެއްކަމަށް ޑރ ވަހީދު ވިދާޅުވެފައިވެއެވެ.

އެމްޑީޕީ އިއްތިހާދުގެ މިދަތުރުގައި ހޮނިހިރު ދުވަހު 5 ރަށަކަށް ޒިޔާރަތްކޮށްފައިވާއިރު އާދީއްތަ ދުވަހު 6 ރަށަކަށް ޒިޔާރަތްކޮށްފައިވެއެވެ. އަދި އާދީއްތަ ދުވަހުގެރޭ ގަމު ހަމަދު ބިން ޚަލީފާ އަލް ސާނީ ސްކޫލްގައި ބައްދަލުވެމެއްވެސް ބާއްވާފައިވެއެވެ. މިބައްދަލުވުމުގައި އެމްޑީޕީ އިއްތިހާދުގެ ސަރަހައްދީ ތަރައްގީގެ ސިޔާސަތު ކަރުދާސް ހުށަހެޅުންވެސް އޮތެވެ.


Photos by M I Maniku

5 Comments

 1. ވަރަށް ފުރިހަމަ ފޮޓޯތަށް

  Comment by Ahmed Rashyd — September 23, 2008 @ 10:02 am

 2. މަގޭފަރާތުން 15 މީހުންގެ ވޯޓް އަންނި އައް

  Comment by Anonymous — September 23, 2008 @ 2:25 pm

 3. މަގޭފަރާތުން 20 މީހުންގެ ވޯޓް އަންނި އަށް

  Comment by Ahmed Rashyd — September 24, 2008 @ 10:44 am

 4. ކޮބާ ފޮނަދޫ ގެ ފޮޓޯ ތައް

  Comment by nadheef — September 25, 2008 @ 12:34 am

 5. މެނިފެސްޓޯ ހާމަކުރުމަށް އާޓިފިސަލް ބީޗުގައި ބޭއްވި ޖަލްސާގެ އަންނިގެތަޤުރީރަކީ އަދި މިހާތަނަށް މި ކެމްޕޭނުގެ އެންމެ ފުރިހަމަ ސިޔާސީ ތަޤުރީރެވެ. ސިޔާސީ ފެންޑާ އަށް ވަރަށް އެކަށޭނަ، ތާއިދު ބޮޑުވާނެ ސްޕީޗެކެވެ. ކުރިއަށް “އަންނި” ކުރިއަށް “އެމް ޑީ ޕީ” ކުރިއަށް “ދިވެހިޤައުމު” އަދި ރާއްޖެ ތެރެއަށް މި ވީޑިއޯގެ ސީޑީ ބެހުމަށް އެދޭ ވާހަކަ މިފުރުސަތުގައި ދަންނަވަން! މަރުހަބާ އަންނި!

  Comment by Ahmed Khaleel — September 25, 2008 @ 2:54 am