Wathan Edhey Gothah – MDP » ތައުލީމާއި އިންސާނީ ވަސީލަތް ތަރައްގީ ކުރުން

ތައުލީމާއި އިންސާނީ ވަސީލަތް ތަރައްގީ ކުރުން

ރައްޔިތުންގެ ޝަކުވާ
1.ވަޒީފާތަކަށް ބޭނުންވާ މައުލޫމާތާއި ހުނަރު ލިބިފައިވާ ދިވެހީން ނުލިބުން

2.ވަޒީފާ ނެތް ޒުވާނުންގެ އަދަދު މަތިވުން )ގާތްގަޑަކަށް ކޮންމެ 100 ޒުވާނެއްގެތެރެއިން 30 ޒުވާނުން ވަޒީފާ ނެތިފައި ތިބެންޖެހުން(.

3.ބޭނުންވާ ދާއިރާތަކުން، ފެންވަރު ރަގަޅު މަތީ ތައުލީމު ލިބޭނެ ފުރުސަތުތައް އަތްފޯރާ އަގެއްގައި ލިބެން ނެތުން.

4.ލިބޭ ތައުލީމުގެ ފެންވަރު ނެތުން (މުޅި ރާއްޖެއަށްބަލާއިރު ޖީސީއޯލެވެލް އިމްތިހާނުގައި ބައިވެރިވާ ކޮންމެ 100 ކުދިންގެ ތެރެއިން 76 ކުދިން ފޭލިވުން).

5.މާލެއާއި އަތޮޅުތަކުގައި ލިބޭ ތައުލީމުގެ ފެންވަރު ތަފާތުވުން (ޖީސީއޯލެވެލް އިމްތިހާނުގައި މާލެއިން ބައިވެރިވާ ކުދިންގެ ތެރެއިން ގާތްގަޑަކަށް 67 ކުދިން ފޭލިވާއިރު ބައެއް އަތޮޅުތަކުގައި 91 ކުދިން ފޭލިވުން).

6.ދަންފަޅިތަކަށް ސްކޫލްތަކުގައި ކިޔަވައިދޭތީ ސްކޫލުން ބޭރުގައި ހޭދަކުރާ ވަގުތު ގިނަވެ ކުދިން ނުރަގަޅު ކަންކަމާ ދިމާލަށް ދިޔުން.

7.އަމިއްލަ ފަރާތްތަކުން ތައުލީމު ދިނުމަށް އޮންނަ ފުރުސަތު ހަނިކުރުން.

އެމްޑީޕީ ސަރުކާރުގެ ސިޔާސަތު
1.ތައުލީމާބެހޭ ސަރުކާރުގެ ވުޒާރާގެ ޒިންމާއަކީ ތައުލީމީ ސިޔާސަތު އެކަށައެޅުމާއި، ދަރިވަރުން ލިބިގަންނަންޖެހޭ ތައުލީމާއި ހުނަރު އަދި ސިއްހީ ހަށިހެޔޮކަމުގެ ލަނޑުދަނޑިތައް ކަނޑައަޅާ، އެލަނޑުދަނޑިތައް ހާސިލްކުރުމަށް ބޭނުންވާ ފަންނީ އެހީ ފޯރުކޮށްދީ، އެލަނޑުދަނޑިތައް ހާސިލުކުރަމުން ދޭތޯ ބެލުން ކަމުގައި ހަމަޖައްސައިދިނުން.

2.ތައުލީމު ދޭ އޮނިގަޑުގެ ދަށުން ސަރަހައްދުތަކަކަށް ރާއްޖެ ބަހާލައި ކޮންމެ ސަރަހައްދެއްގައި ގާއިމުކުރެވޭ ލޯކަލް އެޑިޔުކޭޝަން އޮތޯރިޓީއަކުން އެސަރަހައްދެއްގާ ދިރިއުޅޭ ހުރިހާ ކުދިންނަށް ޕްރީ ސްކޫލުން ފެށިގެން މަތީ ސާނަވީ ފެންވަރަށް ތައުލީމު ލިބޭނެ ފުރުސަތު ގާއިމުކުރުމަކީ ލޯކަލް އެޑިޔުކޭޝަން އޮތޯރިޓީތަކުގެ ޒިންމާކަމުގައި ހަމަޖައްސައިދިނުން.

3.ތައުލީމީ ލަނޑުދަނޑިތައް ހާސިލްކުރުމަށް ބޭނުންވާ ހުރިހާ އިންތިޒާމެއް ހަމަޖެއްސުމަށް މާލީ އަދި ފަންނީ މުސްތަގިއްލުކަން ލޯކަލް އެޑިޔުކޭޝަން އޮތޯރިޓީއަށް ލިބިދޭނަން. އެގޮތުން ޓީޗަރުން ހޯދުމާއި ވަޒީފާގެ ބާޒާރުގެ އަގުތަކާއި ހަމަހަމަކަން ޤާއިމްކޮށް، ކުރާ މަސައްކަތުގެ ފެންވަރާއި ގުޅިފައިވާ މުސާރަދިނުމާއި، ސަޕްލައި ޓީޗަރުން ރެޖިސްޓަރ ކުރުމާއި އިން-ސަރވިސް ޓްރޭނިންގް ދިނުމާއި ލައިބްރަރީ އާއި ލެބޯޓްރީއާއި ކޮމްޕިއުޓަރ ޓެކުނޮލޮޖީ (އައިސީޓީ) އާއި ވަރކްޝޮޕް އަދި މިނޫންވެސް ކިޔަވައިދިނުމަށް ބޭނުންވާ ވަސީލަތްތައް ހޯދުމަކީ ލޯކަލް އެޑިޔުކޭޝަން އޮތޯރިޓީތަކުގެ ޒިންމާކަމުގައި ހަދައިދިނުން.

4.ސްކޫލްތަކަކީ ކިޔެވުމަށް ރައްކާތެރި، ދަރިވަރުންނާ ރައްޓެހި، ކުޅިވަރާއި މުނިފޫހިފުލުވުމުގެ ވަސީލަތްތައް ލިބިދޭ ތަންތަން ކަމުގައި ހަމަޖައްސައިދިނުން.

5.ލޯކަލް އެޑިޔުކޭޝަން އޮތޯރިޓީތަކާއި، ސްކޫލްތަކާއި، ސްކޫލް މެނެޖްމަންޓާއި ކިޔަވައިދޭ ޓީޗަރުން ކުދިންގެ އުނގެނުމަށް ޒިންމާ ކުރުވުން.

6.ލޯކަލް އެޑިއުކޭޝަން އޮތޯރިޓީތަކުން ދޫކުރާ ލައިސަންސްގެ ދަށުން އަމިއްލަ ފަރާތްތަކުން ސްކޫލް ހިންގޭނެ ގޮތް ހަމަޖައްސައިދިނުން. އެގޮތުން އެމްޑީޕީގެ ސަރުކާރެއްގެ ފުރަތަމަ 2 އަހަރުގައި ސްކޫލް އެޅުމަށް އަމިއްލަ ފަރާތްތަކަށް ކުށްޔަކާނުލާ ވަކި މުއްދަތަކަށް ބިން ދޫކުރުން.

7.ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް އެހެން ކުދިންނެކޭ އެއްހަމައަކުން ތައުލީމު ލިބޭނެ ފުރުސަތުތައް ހަމަޖައްސައިދިނުން.

8.ކިޔެވުމަށް ބޭނުންވާ ފޮތް ފަންސޫރާއި ގަލަން އަދި ޓެކްސްޓްފޮތުގެ އިތުރުން އިމްތިހާނަށް ދައްކަންޖެހޭ ފީ ސަރުކާރުން ހިލޭ ލިބިދޭނެ ފަސޭހަ ގޮތެއް ހަމަޖައްސައިދިނުން.

9.ރާއްޖޭގެ އިގްތިސާދަށް ފަހިކުރާ މަންހަޖެއް އެކުލަވާލައި ބިޒިނަސް، ސައިންސް އަދި އާޓްސްގެ އިތުރުން ޓެކްނިކަލް އަދި ވޮކޭޝަނަލް ޓްރޭނިންގ (ޓީވެޓް) ސްޓްރީމްތަކަށް ކިޔެވޭނެ ފުރުސަތު ސްކޫލްތަކުގައި ލިބިދޭނަން އަދި ތައުލީމީ މަންހަޖުގައި ބޭރުބަސްތައް، މީޑިޔާ، މިއުޒިކް، އަތްތެރިމަސައްކަތް، ޕަރފޯމިންގް އާޓްސް ފަދަ މާއްދާތައް ހިމެނުން.

10.ކޮންމެ ސްކޫލަކީވެސް އެއް ދަންފަޅިއަށް ކިޔަވައިދޭ ސްކޫލެއް ކަމުގައި ހަމަޖައްސައިދިނުން.

11.މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަން ޔުނިވާރސިޓީއަކަށް ބަދަލުކޮށް، ޔުނިވަރސިޓީ ކެމްޕަސްތައް ރާއްޖެ ބަހާލެވޭ ކޮންމެ ސަރަހައްދެއްގައި ތަރައްގީކޮށް، ފުލް-ޓައިމް އަދި ޕާޓް-ޓައިމްކޮށް ޔުނިވަރސިޓީގައި ކިޔެވޭ ގޮތައް ހަމަޖައްސައިދިނުން.

12.ސްކޫލް ނިންމާކުދިން މަތީ ތައުލީމު ނުވަތަ މަސައްކަތު ދާއިރާއިން ކޯހެއްގައި ބައިވެރިވެއްޖެނަމަ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ކޯސް ފީގެ ވަކި އިންސައްތަ ހަމަޖައްސައި އަނެއްބައި ދިގު މުއްދަތުގެ ލުއި ލޯނުން ދެއްކޭނެ ގޮތް ހަމަޖައްސައިދިނުން އަދި ގައުމަށް ކޮންމެހެން ބޭނުންވާ ކޯސްތަކުގައި ބައިވެރިވާ ކުދިންނަށް ދޭ އެހީ ބޮޑުކުރުން.

އެމްޑީޕީގެ ސަރުކާރުން ކުރުމުއްދަތުގެ ތެރޭގައި ކުރާނެ ކަންތައްތައް
1.ތައުލީމު ދިނުމުގެ ނިޒާމް ސަރައްދީ ނިޒާމަކަށް ބަދަލު ކުރާނަން.

2.ކިޔަވާ ކުދިންނާ ރަހްމަތްތެރި އެއްދަންފަޅިއަށް ކިޔަވައިދޭ ސްކޫލް ތަކުގައި، ހުރިހާ ކުދިންނަށް ގްރޭޑް 12 ނިމެންދެން ތައުލީމު ހާސިލް ކުރުމުގެ ފުރުސަތު ދޭނަން. މީގެ ތެރޭގައި ޚާއްސަ އެހީއަށް ބޭނުންވާ ކުދިން ހިމަނާނަން.

3.އަމިއްލަ ފަރާތްތަކުން ހިންގާ ފެންވަރު ރަނގަޅު މަދްރަސާ، ނޫނީ ޕްރައިވެޓް ސްކޫލްތައް އުފައްދާނަން.

4.ތައުލީމީ ދާއިރާއަށް ބޭނުންވާ ފެންވަރު ރަނގަޅު މާހިރުން ހޯދާ، ވަޒީފާގެ ބާޒާރުގެ އަގުތަކާއި ހަމަހަމަކަން ޤާއިމްކޮށް، ކުރާ މަސައްކަތުގެ ފެންވަރާއި ގުޅިފައިވާ މުސާރަ ދޭނަން.

5.ގައުމުގެ އިގްތިސާދީ އިންޖީނު ހިންގައިގަތުމަށް ބޭނުންވާ ހުނަރުތައް ދެނެގަނެ، ގައުމީ މަންހަޖަކީ ގައުމަށް ބޭނުންވާ ހުނަރުތައް އުފައްދައިދޭ އެއްޗަކަށް ހަދާނަން.

6.މަސައްކަތުގެ ހުނަރަކީ ރައްޔިތުން ފަޚުރުވެރި ކަމާއިއެކު ބަލައިގަންނަ އެއްޗަކަށް ހަދާނަން.

7.މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަން ޔުނިވާރސިޓީއަކަށް ބަދަލުކުރާނަން، އަދި ޔުނިވަރސިޓީ ކެމްޕަސްތައް ރާއްޖެ ބަހާލެވޭ ކޮންމެ ސަރަހައްދެއްގައި ތަރައްގީކުރާނަން، އަދި ޕާޓް-ޓައިމްކޮށް ޔުނިވަރސިޓީގައި ކިޔެވޭ ގޮތައް ހަމަޖައްސާނަން.

8-މަސައްކަތުގެ ހުނަރު ބިނާ ކުރާ ކޯސްތަކާއި މަތީ ތައުލީމުގެ ކޯސްތަކުގައި ބައިވެރިވާ ފަރާތްތަކުގެ ކޯސް ފީ ދައްކައިދޭނަން.

އެމް. ޑީ. ޕީ ގެ ސަރުކާރުން ދިގުމުއްދަތެއްގެ ތެރޭގައި ކުރާނެ ކަންތައްތައް
1.ފަށާ ތައުލީމުގެ ކޮންމެ މަރްހަލާއެއް ކަޑަތުކޮށް ދާއިރު، 80 އިންސައްތަ ކުދިންނަކީ ލިބިގަންނަންޖެހޭ ހުނަރުތައް ލިބިފައިވާ ކުދިންނަށް ހަދާނަން.

2.ސްކޫލް ނިންމާ ކުދިންގެ ތެރެއިން، 60 އިންސައްތަ ކުދިންނަކީ ޖީސީއެސްއީ އޯލަވަލް އަދި މިފެންވަރުގެ އެހެނިހެން އިމްތިހާންތަކުން ފާސްވާ ކުދިންނަށް ހަދާނަން.

3.ސްކޫލް ނިންމާފައި ނުކުންނަ ކުދިންގެ ތެރެއިން ވަޒީފާ ލިބޭ ކުދިން 50 އިންސައްތަ މައްޗަށް ޖައްސާނަން.

»