Wathan Edhey Gothah – MDP » ހެޔޮ ވެރިކަމެއް ހިންގުމުގެ ސިޔާސަތު

ހެޔޮ ވެރިކަމެއް ހިންގުމުގެ ސިޔާސަތު

ރައްޔިތުންގެ ޝަކުވާ
1.ޤާނޫނު އަސާސިގެ ބާރު ކަނޑުވާލަން މެދުކެނޑުމެއްނެތި ސަރުކާރުން މަސައްކަތްކުރުން.

2.ދައުލަތުގެ އެކިއެކި މުއައްސަސާތަކަށް ނުފޫޒު ފޯރުވާ، ސަރުކާރު ހިންގުމަށް ދައުލަތުގެ މުއައްސަސާތަކުން ކަނޑައަޅާފައި ހުންނަ ނިޒާމްތައް މުޤުރާލުމަށް މަސައްކަތް ކުރުން.

3.ސިވިލްސަރވިސްއާއި ޖުޑިޝަލް ސަރވިސްގެ ދަށުގައި ތިބޭ މީހުން ސިޔާސީ ކަންކަމުގައި ވެރިކަން ދެމެހެއްޓުމަށް މަސައްކަތްކުރުން.

4.ރާއްޖޭގެ ގިނަބައަކަށް ޤާނޫނު އަސާސީއިން އެމީހުންނަށް ލިބިދޭ ޙައްޤު އެގިފައިވާ މިންވަރު ކުޑަވުން.

5.ތަރައްޤީގެ ކަންކަމުގައި ރައްޔިތުންގެ ބައިވެރިވުން ކުޑަވުން.

6.ސިޔާސީ އިދިކޮޅު ފަރާތްތަކަކީ ޤައުމުގެ ކަންކަން އިސްލާޙުކުރާ ފަރާތްތަކެއް ކަމުގައި ވާއިރު އެފަރާތްތަކުގެ މަސައްކަތައް ހުރަސް އަޅައި އެފަރާތްކުގެ އަގު ވައްޓާލުމަށް ސަރުކާރުން މަސައްކަތްކުރުން.

އެމް. ޑީ. ޕީ ސަރުކާރުގެ ސިޔާސަތު
1,އިސްލާމްދީނުގެ އިމުގެ ތެރޭގައި އަދި ޤާނޫން އަސާސީގައި ބުނާ ވީހާވެސް ފުޅާދާއިރާއެއްގައި ރައްޔިތުންނަށް ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ފުރުސަތުދީ ޤައުމުގެ ކަންކަމަށް ފާރަވެރިވުމަށް މަގުފަހިވާފަދަ މިނިވަންކަން ލިއްބައިދިނުން.

2.ޤައުމުގެ ކަންކަމުގައި އާންމުން ބަހުސްކޮށް ސަރުކާރުގެ ސިޔާސަތައް ފާޅުގައި ފާޑުކިޔުމާއި, އެކަމުގައި ބައިވެރިވުމާއި އަދި ސަރުކާރަށް ފާޑުކިއުމަށް ހިއްވަރުދިނުން.

3.ދިވެހިރާއްޖޭގެ ޤާނޫނު އަސާސީއިން ހުއްދަކުރާ ވީހާވެސްވެސް ފުޅާދާއިރާއެއްގައި އދ.ގެ ޤަރާރުތަކަށް ފެތޭގޮތަށް އިންސާނީ ހައްޤުތައް ހިމާޔަތްވެފައިވާ ވެއްޓެއް ޤާއިމްކޮށް އެކަންކަން ދެމެހެއްޓުމަށްޓަކައި ޢާންމު ފަރުދުންނާއި މަދަނީ ޖަމްއިއްޔާތަކުގެ ދައުރު އިތުރުކުރުން.

4.ޤާނޫނު ހަދާ ފަރާތާއި ޝަރުޢީ ނިޒާމާއި، ސަރުކާރާއި ، މީޑިއާ، އަދި ދީނަކީ ދައުލަތެއް އޭގެ މައްޗައް ބިނާވެފައިވާ ބާރުތަކެއްކަމުގައި ދެކެ އެއީމުސްތަޤިއްލު ފަރާތްތަކެއް ކަމުގައި ޤަބޫލްކޮށް އޭގެ އެއްބާރު އަނެއް ބާރަށް ފާރަވެރިވުން އިތުރުކޮށް އެއްބާރު އަނެއް ބާރުގެ މައްޗައް ނުފޫޒު ނުހިންގޭނެ މާހައުލެއް ދަމަހައްޓައި ހިންގުން.

5.އަބުރު ރައްކާކުރުމަކީ އެމީހެއްގެ އަމިއްލަ ކަމެއްކަމުގައި ހަދައި އެއްވެސް ފަރާތެއްގެ މައްޗައް ސަރުކާރުން އަބުރުގެ ދައުވާ ނުއުފުލުން.

6.ރައްޔިތުންނަށް ލިބިދޭންޖެހޭ ހައްޤުތައް ބިނާވެފައިވާ ޤާނޫނީ އަދި ޝަރުޢީ ނިޒާމް ކުރިއަރުވައި ދެމެހެއްޓުން.

7.މިނިވަން މުއައްސަސާތަކާއި، ރައްޔިތުންގެ ފައިދާއަށް ހެދިފައިވާ ޤަވާއިދުތަކާއި އުސޫލުތައް ކުރިއެރުވުގެ ސަޤާފަތެއް ޤައުމުގައި އާލާކުރުން.

8.ޤައުމުގެ އެކި ކަންކަމުގައި ރައްޔިތުންގެ ބައިވެރިވުމާއި ރައްޔިތުންގެ ހިއްސާ ތަމްސީލްވާ މިންވަރު އިތުރުކުރުން.

އެމް. ޑީ. ޕީގެ ސަރުކާރެއްގައި ކުރުމުއްދަތުގެ ތެރޭގައި ކުރާނެ ކަންތައްތައް
1.ޤާނޫނު އަސާސީގެ މައިގަނޑު އުސޫލުތައް ވީހާވެސް ފުޅާ ދާއިރާއެއްގައި މީހުންނަށް އަންގާދީ އަދި ވަކިން ޚާއްސަކޮށް މަދަނީ ހައްޤުތަކާބެހޭ މައުލޫމާތު އަންހެނުންނަށާއި ސްކޫލްތަކުގެ މަތީ ގްރޭޑްތަކުގައި އުޅޭ ކުދިންނަށް ފޯރުކޮށްދިނުން.

2.އަމިއްލަ ފަރުދުންނަށާއި މަދަނީ ޖަމްއިއްޔާތަކަށާއި ސިޔާސީ ޕާޓީތަކަށް ވީހާވެސް ފުޅާ ދާއިރާއެއްގައި ޤައުމުގެ އެކިކަންކަމުގައި ފާޑުކިޔުމުގެ ފުރުސަތު ދީ އެކަން އަމަލީގޮތުން ތަންފީޒުކުރަމުން ގެންދިއުން.

3.ޤައުމުގައި އޮންނަ އިންތިޚާބުތަކުގައި ސިޔާސީ އިދިކޮޅު ޕާޓީތަކާއި މަދަނީ ޖަމްއިއްޔާތަކުގެ ދައުރު އިތުރުކޮށް އެއިންތިޚާބުތަކަކީ ހާމަކަން ބޮޑު ޤާނޫނާ އެއްގޮތައް ހިނގާ ރައްޔިތުންނަށް އިތުބާރުއޮތް އިންތިޚާބުތަކަކަށް ހެދުން.

4.ރާއްޖޭގެ ތަޖްރިބާއަށް ބަލާއިރު ދިވެހިރާއްޖެއާ ކުރިމަތިލާން މިޖެހެނީ ރާއްޖޭގެ ޑިމޮކްރަސީގެ ފެށުމާކަމަށް ވާއިރު އައު ސަރުކާރެއް އުފެދި ރާއްޖެއަށް ޑިމޮކްރަސީ ތައާރަފްކުރެވޭއިރު ޑިމޮކުރަޓިކު ސަޤާފަތެއް ގާއިމުކޮށް ދެމެހެއްޓުމަށް އިސްކަންދޭނަން.

5.ޑިމޮކުރަސީއާ އިދިކޮޅު ފަރާތްތަކުން ތަރައްޤީގެ މިސްރާބަށާއި ޤައުމު ހިންގުމަށް އަޅާފާނެ ހުރަސްތައް ޤާނޫނު އަސާސީގެ އިމުގެ ތެރެއިން ނައްތާލުމުގައި ރައްޔިތުންގެ މަޖިލިސްގެ ދައުރު އިތުރުކޮށް ކުރިއާލާ ފިޔަވަޅު އެޅުމުގެ ގޮތުން ޕްރޮގްރާމްތަކެއް ކަނޑައަޅައި ހިންގަން ފެށުން.

އެމް. ޑީ. ޕީގެ ސަރުކާރުން ދިގުމުއްދަތުގެ ތެރޭގައި ކުރާނެ ކަންތައްތައް
1.ރަށުފެންވަރުގައާއި އަތޮޅު ފެންވަރުގައި އަދި ސަރަހައްދީ ފެންވަރުގައި ޤާއިމްކުރާ ކައުންސިލްތަކަކީ ކަންކަން ނިންމުމުގައި ޤާބިލްކަން ހުރި އަމިއްލަ ފައިމައްޗައް ތެދުވެފައި ތިބި ބަޔަކަށްވުން.

2.އަތޮޅުތަކުގައި ދިރިއުޅޭ އެކިފަރުދުންނަށް އަމިއްލަ ފައިމައްޗައް ތެދުވުމަށް މަގުފަހިކުރުމަށްޓަކައި އަދި އެބައިމީހުންނަށް އިޖްތިމާޢީ ، އިޤްތިސާދީ ފުރުސަތުތައް ހޯދުމަށްޓަކައި އެކިކަންކަމުގެ މައުލޫމާތު ލިބުމުގެ ފުރުސަތު އިތުރުކޮށްދިނުން.

3.ސަރުކާރުގެ ޤާބިލްކަމާއި ޤައުމުގެ ކަންކަން ހިގަމުންދަނީ ރަނގަޅަށްތޯ ބަލާ މިންގަނޑަތަކަކީ ސިޔާސީ ހަމަޖެހުމާއި ސަރުކާރުންދޭ ޚިދުމަތުގެ ފެންވަރު ރަނގަޅުވުމާއި، ޤަވާއިދުތަކާއި އުސޫލްތަކުގެ ފެންވަރު ރަނގަޅުވުމާއި، ރައްޔިތުންނަށް ލިބިދޭންޖެހޭ ޙައްޤުތައް ލިބިދިނުމާއި، ކޮރަޕްޝަން ވީހާވެސް ކުޑަވުމާއި، ސަރުކާރު ޖަވާބުދާރީ ވުމާއި އަދި ރައްޔިތުންގެ އަޑު ސަރުކާރުން އެހުން ކަމުގައި ބަލައި އެކަންކަން ފުރިހަމަ ވެފައިވަނީ ކިހާވަރަކަށްތޯ ބަލާ ވަޒަންކުރުން.

»