Wathan Edhey Gothah – MDP » ޝަރުޢީ ނިޒާމުގެ ސިޔާސަތު

ޝަރުޢީ ނިޒާމުގެ ސިޔާސަތު

ރައްޔިތުންގެ ޝަކުވާ
1-ޒަމާނުއްސުރެ ވެރިކަމުގެ ފަރާތުން ރާއްޖޭގެ ޝަރުޢީ ނިޒާމަށް ނުފޫޒު ފޯރުވާ ސަރުކާރުން ބޭނުންވާ ގޮތައް އަދުލުއިންސާފަށް ބެލުމެއްނެތި މައްސަލަތައް ނިންމަމުން ގޮސްފައިވުން.

2-މީހާ ކުއްވެރިއެއްކަމަށް ކޯޓުން ޙުކުމް ކުރުމުގެ ކުރިން ބަންދުކުރެވޭ މީހުންނާމެދު އިންސާނީ ހައްގުތަކާ ޚިލާފަށް އަމަލުކުރުން.

3-ބައެއް މައްސަލަތައް ލަސްވެ އަދި ބައެއް މައްސަލަތައް އަވަސްވެ އެއްވެސް އުސޫލެއްނެތި މައްސަލަތައް ހިންގުން.

4-ލުއިފަސޭހަގޮތަކަށް ޝަރުޢީ ނިޒާމް ރޭވިފައިނެތުމުން ޝަރުޢީނިޒާމުގެ ބޭނުން ހިފެނީ ސަރުކާރަށާއި މުއްސަނދިންނަށްކަމަށްވެ، ޝަރީއަތުގެ ނިންމުންތަކަކީ އަދުލުއިންސާފުން އެއްކިބާވެފައިވާ ނިންމުންތަކެއްކަން އާންމުންނަށް ޤަބޫލްކުރެވުން.

5-ކުއްކުރާ މިހާއަށް ހެޔޮ ވިސްނައިދީ މުޖުތަމައަށް އަހުލުކުރުމުގެ ބަދަލުގައި ވަކިއުސޫލެއްނެތި ބައެއް ނުފޫޒުގަދަ ފަރާތްތައް ދޫކޮށްލާ އަނެއްބަޔަކަށް ބޮޑެތި އަދަބުތައްދީ ބަންދު ކުރެވޭ ގިނަމީހުންނަކީ ޤައުމަށް ބޭނުން ނުހިފޭ ބަޔަކަށްވުން.

6-ޤާނޫނުތަކަށްވުރެ ބާރުގަދަ ޤަރާރުތައް ނެރެ ޤާނޫނީ ނިޒާމް ހީނަރުކުރުން.

7-ޤާނޫނާއި ޤަވާއިދު އަދުލު ވެރިގޮތެއްގައި ތަންފީޒުނުކޮށް ކުއްވެރިން މުޖުތަމައުގެ ތެރެއަށް ދޫކޮށްފައި ބޭތިއްބުން.

އެމް. ޑީ. ޕީ ސަރުކާރުގެ ސިޔާސަތު
1.ކޯޓުތަކުގައި ބެލޭ ޝަރުޢީ މައްސަލަތަކަށް ސަރުކާރުގެ ނުފޫޒުނުހިންގައި ސަރުކާރުގެ ރޯލަކީ ވަކި ފަރާތަކަށް ނުޖެހޭ ތަހުޤީޤުކޮށް އަދި ކޯޓުންނިންމާ ގޮތަށް ހުކުމް ތަންފީޒުކުރާ ފަރާތަކަށްވުން.

2.ޑިމޮކުރަސީއާއި އިންޞާފާއި އިންސާނީ ޙައްޤުތަކާއި މަދަނީ ޙައްޤު ހިމާޔަތްކޮށް ކުރިއެރުވުމަށް މަސައްކަތްކުރުން.

3.ޝަރުޢީކޯޓުތަކުން މައްސަލަތައް އަވަހަށް ނިންމުމުގައި އިދާރީ ގޮތުން މަގުފަހިކޮއްދީ ބޭނުންވާ ވަސީލަތް ތަށް ފޯރުކޮއްދިނުން.

4.ޕެރޯލްސިސްޓަމެއް ޤާއިމުކުރުން.

5.ސަރުކާރުން ޤާނޫނު ތަންފީޒު ކުރާނެކަމުގެ ޔަޤީންކަން ރައްޔިތުންނަށް އަމަލުން ދައްކައިދީ ރައްޔަތުންގެ އިތުބާރުހޯދުން.

އެމް. ޑީ. ޕީގެ ސަރުކާރެއްގައި ކުރުމުއްދަތުގެ ތެރޭގައި ކުރާނެ ކަންތައްތައް
1-ކުއްކުރާ މީހުންނަށް ހަމައެކަނި އަދަބު ދިނުމުގެ ބަދަލުގައި ހެޔޮވިސް ނައިދީ ޕެރޯލް ނިޒާމުގެ ދަށުން އެމީހުން މުޖުތަމައަށް އަހުލުވެރިކުރާނަން.

2-ދޭދޭފަރާތްތަކުގެ މެދުގައިޖެހޭ މައްސަލަތައް ވާހަކަދައްކައިގެން އަމިއްލައަށް ނިންމުމަށް މަގުފަހިކުރުމުގެގޮތުން ޖަމާއަތުގައި ބަސްވިކޭމީހުންގެ ކޮމިޓީއެއްގެ އެހީތެރިކަން ހަމަޖައްސައިދޭނަން.

3-ޖަލަށްހުކުމްކޮށްފައިތިބޭ މީހުންނަށް ވޮކޭޝަނަލް ޓްރޭނިންގް ޕްރޮގުރާމްތައް ތައާރަފް ކުރާނަން.

4-ޑިމޮކުރަސީ އާއި އިންސާފާއި އިންސާނީ ހައްޤު ހިމާޔަތްކޮށް ކުރިއަރުވައި މިކަންކަމުން ޢާންމު ރައްޔިތަކު މަހުރޫމްވާ ހިދު އޭނާ ސަރުކާރާއި ދެކޮޅަށް ދައުވާ އުފުލުމުގެ މާހައުލެއް އުފައްދައި ސަރުކާރުގެ އިހުމާލުން ގެއްލުމެއްވެއްޖެނަމަ އެދޭ ރައްޔިތަކަށް އެކަމަށް ބަދަލު ދޭނަން.

5-މަދަނީ ހައްޤުތަކާ އިޖުތިމާއީ ހައްޤުތަކާ ބެހޭ މަޢުލޫމާތު ރައްޔަތުންނަށްދީ ފުޅާދާއިރާއެއްގައި ރައްޔަތުން ހޭލުންތެރިކުރާނަން.

6-ކޯޓުތަކުންކުރާ ހުކުމްތައް އެއް އުސޫލަކުން ތަންފީޒުކޮށް އަދި ޕެރޯލް ސިސްޓަމެއް ޤާއިމް ކުރާނަން.

7-ރައީސުލްޖުމްހޫރިއްޔާ ދެއްވާ މަޢާފް އަދުލުވެރި އުސޫލަކުން ހިނގާނެ ކަމުގައި ހަދާނަން.

އެމް. ޑީ. ޕީގެ ސަރުކާރުން ދިގުމުއްދަތުގެ ތެރޭގައި ކުރާނެ ކަންތައްތައް
1-ޝަރުޢީ ދާއިރާގައި ޤާބިލްކަން އުފެއްދުމުގެ ގޮތުން އިންސާނީ ވަސީލަތްތައް ތަރައްޤީކުރާނަން.

2-ޒަމާނީ ޓެކުނޮލޮޖީ ބޭނުން ކޮށްގެން ކޯޓުތަކުން މައްސަލަތައް އަވަހަށް ނިންމުމަށް އެހީތެރިވެ ދޭނަން.

3-ސަރުކާރުން ޤާނޫނަށް އިސްލާހެއް ހުށަހެޅުމަށްޓަކައި ވިސްނާނަމަ، އެކަން އާންމުންނަށް ހާމަކޮށް އާންމުންގެ ޚިޔާލާ އެއްގޮތައް ޤާނޫނުތައް އިސްލާހުކުރުމަށް ބާރުއަޅާނަން.

»